ކުޅިވަރު

ސަލާހާއި މަރްމޫޝް އަށް ހާއްސަ ކަމެއް ނުދޭނަން: ކޯޗު


މިސުރުގެ ދެ ފޯވަޑުން ކަމަށް ކެޕްޓަން މުހައްމަދު ސަލާހް އާއި އޮމަރް މަރްމޫޝް އަށް ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށް ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް ބުނެފި އެވެ.

އޭނާ މިހެން ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ގައުމު މިރޭ ބައްދަލުކުރާ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ.

އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅެމުންދާ ދެ ފޯވަޑުންގެ ތެރެއިން ލިވަޕޫލްގެ ފޯވަޑް ސަލާހް އަކީ ޒިންބާބުވޭ އަތުން މިސުރު މޮޅުކޮށްދިން ކުޅުންތެރިޔާ އެވެ. މަރްމޫޝް ވެސް ވަނީ އެ މެޗުގައި ގޯލު ޖަހައިފަ އެވެ. މި މެޗަށް ދެކުނު އެފްރިކާ ނުކުންނައިރު އެ ގައުމު ވަނީ އެންގާލާ އަތުން 2-1އިން މޮޅުވެފަ އެވެ.

މިހެންވެ ދެކުނު އެފްރިކާގެ ބެލްޖިއަމް ކޯޗު ބުނީ މިސުރާ ދެކޮޅަށް ނުކުންނަ ޕްލޭނުގައި ސަލާހާއި މަރްމޫޝް އަށް ހާއްސަކަން ދޭން ބޭނުންނުވާ ސަބަބުތަކެއް އެބަހުރި ކަމަށެވެ.

"އަހަރުމެން ފޯކަސް ކުރާނީ މުޅި ޓީމަށް. އެންމެ މުހިންމު ކަމަކީ މުޅި ޓީމާމެދު ވިސްނުންތަކެއް ގެންގުޅުން. އަހަރުމެންނަށް އެނގޭ ސަލާހަކީ އެފަދަ ދެވަނަ އެއް ނެތް ކުޅުންތެރިއެއްކަން. އަހަރުމެންނަށް އެނގޭ މަރްމޫޝް އަކީ ކިހާ މޮޅު ކުޅުންތެރިއެއްކަން. އަދި ޓްރެޒެގޭ އާއި އެހެން ކުޅުންތެރިން. އެހެންވީމާ ކީއްކުކަން އަހަރުމެން އެންމެ މީހަކަށް ފޯކަސް ކުރަންވީ. އެ މީހުންނަކީ ވަރަށް މޮޅު ޓީމެއް،" ކޯޗު ބުންޏެވެ.

ބްރޫސް އަކީ މިސުރު ބަލިކޮށް އެފްރިކާ ކަޕް 2017 ވަނަ އަހަރު ކެމަރޫނަށް ހޯދައިން ކޯޗެވެ. އަދި މިސުރާއި ދެކުނު އެފްރިކާ އެންމެ ފަހުން މި މުބާރާތުގައި ކުޅުނީ 2019 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16ގަ އެވެ. އެ ފަހަރު 1-0އިން މެޗު ކާމިޔާބު ކުރީ ދެކުނު އެފްރިކާ އެވެ.

ކޯޗު ބުނީ މި މެޗުގައި ބަލާނީ މިސުރުގެ ޓީމު ޕްރެޝަރަށް ވައްޓާލަން ކަމަށެވެ.

"އަހަރުމެން ޖެހޭ މިސުރު އުނދަގޫ ހާލަތަކަށް ވައްޓާލަން. އެކަން ކުރެވޭނީ އަހަރުމެން ޓީމުގައި ހުރި ކޮލިޓީ އަހަރުމެން ބޭނުންކޮށްގެން. އަހަރުމެން ކުޅުންތެރިން އާއްމުކޮށް ކުރާ ކަންތައްތައް އެ މީހުން މި މެޗުގައި ކޮށްގެން،" ކޯޗު ބުންޏެވެ.

މުބާރާތުގައި މިރޭ އެންގޯލާ އާއި ޒިމްބާބުވޭ އަދި ޒެމްބިއާ އާއި ކޮމޯރޯސްގެ އިތުރުން މުބާރާތް ބާއްވާ ގައުމު މޮރޮކޯ އާއި މާލީ ވެސް ވާދަ ކުރާނެ އެވެ.