ޚަބަރު

17 އަހަރަށް ފަހު ޠާރިޤު ރަޙްމާން އެނބުރި ބަންގްލަދޭޝްއަށް


17 އަހަރު ޤައުމުން ބޭރުގައި އަރުވާލެވިގެން ހުންނެވުމަށް ފަހު ބަންގްލަދޭޝްގެ ސިޔާސީ ލީޑަރެއް ކަމަށްވާ ޠާރިޤު ރަޙްމާން ޤައުމަށް އެނބުރި ވަޑައިގެންފިއެވެ.

އުމުރުން 60 އަހަރުގެ ޠާރިޤްއަކީ އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުންނެވެ. ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަމުގައި، މަނީ ލޯންޑަރިންގއާ ގުޅޭ ދައުވާއަކާއި ބޮޑުވަޒީރު އަވަހާރަކޮށްލަން ރޭވުމާ ގުޅޭ މައްސަލައެއް, އޭނާގެ ޣައިރު ހާޒިރުގައި އޭނާއާ ދެކޮޅަށް ސާބިތުވެފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ޙަސީނާގެ ވެރިކަން ވެއްޓުމާއެކު ކޯޓުގެ ނިންމުންތައް ވަނީ ބާޠިލްކޮށްފައެވެ. އެއާއެކު 2008ވަނަ އަަހަރު ލަންޑަނަށް ބަދަލުވެވަޑައިގަންނަވައި، 2018ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީގެ ޗެއަރމަންގެ ގޮތުގައި ޕާޓީ ހިންގަވަމުންދާ ޠާރިޤަށް ޤައުމަށް އަނބުރާ ވަޑައިގަތުމަށް މަގުފަހިވެގެން ދިޔައެވެ. ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވާ ބަންގްލަދޭޝްގެ އިންތިޚާބުގައި ބޮޑުވަޒީރުގެ މަޤާމަށް އޭނާ ހޮވިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ޠާރިޤު ޤައުމަށް އެނބުރި ވަޑައިގަތުމާއެކު ވައިގެ ބަނދަރުން ފެށިގެން އޭނާއަށް މަރުހަބާ ކިޔުމުގެ ހަފްލާ އޮތް ސަރަޙައްދާ ހަމައަށް އޭނާއަށް ތާއީދު ކުރާ އެތައް ހާސް ބަޔަކު މަގުމަތީގައި ސަފުހަދާ އޭނާއަށް މަރުހަބާ ކިޔާފައިވެއެވެ. މަރުހަބާ ކިޔުމުގެ ހަފްލާއަށް ހާޒިރުވެ ތިބި މީހުންނާ މުހާތަބުކުރައްވައި ޠާރިޤު ވިދާޅުވީ ހުރިހާ ދީނެއްގެ ހުރިހާ އެންމެން އެއްގަލަކަށް އަރުއްވައި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަން އޭނާ ކަށަވަރުކޮށްދެއްވާނެ ކަމަށެވެ. ޤައުމަށް ބޭނުންވަނީ ޞުލްޙަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

ޠާރިޤު ޤައުމަށް އެނބުރި ވަޑައިގެންފައި މި ވަނީ ބަންގްލަދޭޝްގައި ހަމަނުޖެހުމާއި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާގެ އެނބުރި އައުމާއެކު ބަންގްލަދޭޝްގެ ދިމުޤުރާޠަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.