ވިޔަފާރި

ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އެހީތެރިވެދިނުމަކީ ޢަމާޒެއް


ރާއްޖޭގެ ވިޔަފާރިވެރިންނާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އެހީތެރިވެދިނުމަކީ ޢަމާޒެއްކަމަށް ޙަބީބް ބެންކުގެ އިންޓަރނޭޝަނަލް ބޭންކިންގ ހެޑް، އަބިދް ސައްތާރު ވިދާޅުވެއްޖެއެވެ.

ޙަބީބު ބޭންކުން ވަނީ އެ ބޭންކުގެ ގޮތްޕެއް ހުޅުމާލޭގައި މިއަދު ހުޅުވާފައެވެ. އޭޓީއެމް މެޝިންގެ ޙިދުމަތްތަކާއިއެކު ހުޅުވާފައިވާ ޙަބީބް ބޭންކުގެ ހުޅުމާލެ ގޮފިންވެސް، މާލޭގައި އެ ބޭންކުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް އެ ބޭންކުން ހާމަކުރެއެވެ.

ހުޅުމާލޭގައި ޙަބީބް ބޭންކުގެ ގޮތްޕެއް ހުޅުވުން ފާހަގަކޮށް، އެ ބޭންކުން މިރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ މާލީ ދާއިރާގައި ޙަރަކާތްތެރިވާ ގިނަ އަދަދެއް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ރަސްމިއްޔާތުގައި ޙަބީބު ބޭންކުގެ އިންޓަރނޭޝަނަލް ބޭންކިންގ ހެޑް، އަބިދް ސައްތާރު ވިދާޅުވީ، ރާއްޖެއަކީ ވިޔަފާރިކުރަން ވަރަށް ފައިދާހުރި ތަނެއް ކަމަށެވެ. އަދި އެބޭންކުގެ ރާއްޖޭގެ ގޮތްޕަށްވެސް ފައިދާވާކަން އަބިދް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެބޭންކުގެ އޮޕަރޭޝަންތައް ރާއްޖޭގައި އިތުރަށް ފުޅާވެގެންދާތަން ދެކެން ބޭނުންވާކަމަށް އަބިދް ސައްތާރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް ރިޓަޔަރޑް، ސައްޔިދު ޙަވަރް ޢަލީ ޝާހު ވިދާޅުވީ ދިވެހިންނަކީ މަސައްކަތްތެރި ބައެއް ކަމަށާއި، ވަޒީފާއެއް ހޯދުމަށްވުރެ އަމިއްލަ މަސައްކަތެއް ފެށުމުގެ ޝައުޤު ދިވެހިންގެ މެދުގައި ބޮޑުކަން ފަހާގަކުރެއްވިފައިވާކަމަށެވެ.

މި ރަސްމިއްޔާތުގައި ޙަބީބު ބޭންކުން ވަނީ އެ ބޭންކަށް އެކި ގޮތްގޮތުން އެހީތެރިވެފައިވާ ބައެއް ފަރާތްތަކަށް ހަނދާނީ ފިލާ ދީފައެވެ. އޭގެ ތެރޭގައި އެ ބޭންކުގެ ރާއްޖޭގެ ގޮފި ހުޅުވުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށް އެ ބޭންކުގައި މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައިވާ ސަޢުދުﷲ ސަޢީދަށްވެސް ވަނީ ޙިދުމަތު އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ދީފައެވެ.

ޕާކިސްތާންގެ ބޭންކެއް ކަމަށްވާ ޙަބީބު ބޭންކުން އަންނަނީ ދުނިޔޭގެ 25 ޤައުމެއްގައި އެ ބޭންކްގެ 55 ބްރާންޗް ހިންގަމުންނެވެ. އަދި ޕާކީސްތާންގައި ޙަބީބު ބޭންކުގެ 1500 ބްރާންޗް ހުރެއެވެ. ދެކުނު އޭޝިއާގެ ބޭންކުތަކުގެ ތެރެއިން ޗައިނާގައި ބޭންކިންގ ޚިދުމަތްދޭ ހަމައެކަނި ބޭންކަކީ ޙަބީބް ބޭންކެވެ.