ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި


ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު މަރުވި މައްސަލައިގެ ތުހުމަތުގައި ޢުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ މިއެކްސިޑެންޓް ހިނގިއިރު ކާރު ދުއްވަން އިން ޑްރައިވަރުކަމަށެވެ. އޭނާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ. ފުލުހުން ވިދާޅުވީ މިމައްސަލަ މިހާރު އިތުރަށް ތަހްޤީޤްކުރަމުންދާކަމަށެވެ. 

ކާރަކާއި ސައިކަލެއްޖެހި ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވެފައިވަނީ އެކްސިޑެންޓްވި ސައިކަލުގެ ފަހަތުގައި އިން 28 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އަދި ސައިކަލް ދުއްވަން އިން 35 އަހަރުގެ ފިރިހެން މީހާއަށްވެސް ވަނީ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. 

ހުޅުމާލޭ ނިރޮޅުމަގު އެޗް.ޑީ.ސީ ނާސަރީ ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެންއުޅޭ ކަމުގެ މަޢުލޫމާތު ޢާއްމު ފަރާތަކުން ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ދީފައިވަނީ ރޭ 23:35 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިހާތަނަށް ބެލި ބެލުމުން މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއްގައި، ފަހަތުން އައި ކާރެއް ޖެހިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. މި އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.