ސިއްހަތު

ޑަބްލިޔުއެޗްއޯއިން މީޑިއާތަކަށް ޚާއްޞަ ވަރކްޝޮޕެއް ބާއްވައިފި


ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ ދެކުނުއިރުމަތީ އޭޝިއާ ސަރަޙައްދުގެ އޮފީހުން އިންތިޒާމްކޮށްގެން، މީޑިއާގެ ޚިދުމަތްތެރިންނަށް ޚާއްޞަ ވަރކްޝޮޕެއް ޝްރީލަންކާގެ ކޮލޮންބޯގައި ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ޕީއެސްއެމްގެ ޖާރނަލިސްޓަކު ބައިވެރިވެއެވެ.

ޞިއްޙީ ޚިދުމަތް ކާމިޔާބުކަމާއެކު ދެވެނީ، އެ ޚިދުމަތް ލިބިގަންނަ ޢާންމު ރައްޔިތުންނަށް އެ ޚިދުމަތްތަކާއި ބަލިތައް ފެތުރޭކަމާއި ސަމާލުކަން ދޭންވީ ކަންކަން އަންގައިދީގެންނެވެ. އެކަންކުރުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ މަސައްކަތްކުރާ މީހުންނެވެ. ވުމާއެކު ޞިއްޙީ ޚިދުމަތާ ގުޅުންހުރި ފަރާތްތަކަށް ޚާއްޞަ ބައްދަލުވުންތައް ޞިއްޙީ ޚިދުމަތްދިނުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ މަސްއޫލިއްޔަތު އޮންނަ ފަރާތްތަކުން ބާއްވައެވެ. މިފަދަ ބައްދަލުވުންތައް އެންމެ ގިނައިން ބާއްވާ އެއްފަރާތަކީ ޑަބްލިޔޫއެޗްއޯއެވެ. އެ ޖަމްޢިއްޔާގެ ފަރާތުން ސްރީލަންކާގެ ވެރިރަށް ކޮނޅުބުގައި ބޭއްވި ބައްދަލުމަކީވެސް ދެކުނުއިރުމަތީ އޭޝިޔާގެ ޤައުމުތަކުގެ މީޑިއާތަކަށް ޚާއްޞަކުރި ބައްދަލުވުމެކެވެ.

ކޮލަމްބޯގެ ތާޖް ހޮޓެލްގައި ބޭއްވި މިވަރކްޝޮޕްއަކީ 69 ވަނަ ޑަބްލިޔޫއެޗްއޯ ދެކުނުއިރުމަތީ ސަރަޙައްދީ ކޮމިޓީ ބައްދަލްވުމުގެ ހަވާސާގައި ބޭއްވި ވަރކްޝޮޕެކެވެ.

މިވަރކްޝޮޕްގެ ތެރެއިން ވަނީ ނެގްލެކްޓަޑް ޓްރޮޕިކަލް ޑިޒީސަސް، (އެން.ޓީ.ޑީސް) ނުވަތަ ޖަޒީރާ ޤައުމުތަކުގައި ޢާންމު ބަލިތަކާބެހޭ މަޢުލޫމާތު، ދީފައެވެ. މި މަޢުލޫމާތު ދެއްވީ އެން.ޓީ.ޑީސް ރީޖަނަލް އެޑްވައިޒަރގެ މަޤާމު ފުރުއްވަމުން ގެންދަވާ ދިވެހި ބޭފުޅެއްކަމަށްވާ ޑރ. މުހައްމަދު ޖަމްޝީދެވެ. ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި ޢާންމު ބައެއް އެން.ޓީ.ޑީސް ފެތުރެމުންދާ ޤައުމުތަކާއި، އެޤައުމުތަކުގައި މިފަދަ ބަލިތައް ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، މި ބަލިތައް ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތް ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ޑޮކްޓަރ ޖަމްޝީދް އަލިއްޅުއްވާލައްވާފައިވެއެވެ.

ޑޮކްޓަރ ޖަމްޝީދު ވިދާޅުވީ ޑަބްލިއުއެޗްއޯގެ މިސަރަޙައްދުގެ އޮފީހުން މޮނިޓަރކުރަމުންދާ ފައިލޭރިއާ، ޔޯޒް، ކަލަ-އަޒާރް، ލެޕްރޮސީ ފަދަ ބަލިތައް، ސަރަޙައްދުގެ ގިނަ ޤައުމުތަކުން ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާކަމަށެވެ. ނަމަވެސް ގިނަ ބަލިތައް މުޅިން ނައްތާލެވިފައިވަނީ މަދު ޤައުމުތަކެއްގައި ކަމަށް. މީގެތެރޭގައި ފައިލޭރިއާ އެލިމިނޭޓްކުރެވިފައިވަނީ ހަމައެކަނި ރާއްޖެއާއި ޝްރީލަންކާއަށްކަމަށާއި، ޔޯޒް ނައްތާލެވިފައިވަނީ އިންޑިއާއިން ކަމަށް ޑޮކްޓަރ ޖަމްޝީދު ފާހަގަކުރެއްވިއެވެ.

މިވަރކްޝޮޕްގައި ވަނީ ޑަބްލިއު.އެޗް.އޯގެ ރީޖަނަލް ކޯޑިނޭޓަރ ފޮރ މެޓާރނަލް، ނިއުބޯން، ޗައިލްޑް އެންޑް އެޑޯލޮސެންޓްސް، ޑޮކްޓަރ ނީނާ ރައިނާވެސް މީޑިއާ މެންބަރުންނަށް މައުލޫމާތު ދެއްވާފައެވެ. ޑޮކްޓަރ ރައިނާ ދެއްވި މަޢުލޫމާތްތަކުގެ ތެރޭގައި މިހާރު މިސަރަޙައްދުން ވިހެއުމުގެ ތެރޭގައި މަރުވާ މައިން އަދި ތުއްތު ކުދިންގެ އަދަދު މަދުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޞިއްޙީ ފަރުވާދޭ ތަންތަނުގެ ވަޞީލަތްތައް އިތުރުކޮށް، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދެވިއްޖެނަމަ ވިހެއުމުގައި މަރުވާ، މައިންނާއި، ތުއްތުކުދިން އަދި ޅަފަތުގައި މަރުވާ ކުދިންގެ އަދަދު މިހާރަށްވުރެ ބޮޑަށް މަދުކުރެވޭނެކަމަށް ޑޮކްޓަރ ރައިނާ ވިދާޅުވިއެވެ.

މިވަރކްޝޮޕްގައި ވަނީ ފަސްދޮޅަށް ނުވަވަނަ ޑަބްލިޔޫއެޗްއޯ ދެކުނުއިރުމަތީ ސަރަޙައްދީ ކޮމިޓީ ބައްދަލްވުމާ ބެހޭގޮތުންވެސް މީޑިއާގެ ޚިދުމަތްތެރިންނަށް މަޢުލޫމާތު ދީފައެވެ. މިވަރކްޝޮޕްގައި ދެކުނުއިރުމަތީ އޭޝިއާގެ 11 ޤައުމެއްގެ މީޑިއާ މެންބަރުން ބައިވެރިވިއެވެ.

މި ވާކްޝޮޕްގައި ޕަބްލިކް ސަރވިސް މީޑިއާގެ ޖާރނަލިސްޓަކު ވަނީ ބައިވެރިވެފައެވެ.