އީރާންގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން، އެމެރިކާ އާއި އީރާނާ ދެމެދު މަޝްވަރާތައް އަލުން ފެށުމުގައި ބޮޑެތި ޚިޔާލުތަފާތުވުންތައް ހުރިކަން އދގެ ސަލާމަތީ މަޖިލީހުގައި ހާމަވެއްޖެއެވެ.
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
އޭގެ ކުރިން އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން، އީރާނާއި އެމެރިކާއާ ދެމެދު ފަސް ފަހަރެއްގެ މަތިން މަޝްވަރާތައް ބާއްވާފައިވެއެވެ.
ނަމަވެސް، އީރާނަށް ޙަމަލާދިނުމާ އެކު އެ މަޝްވަރާތައް ވަނީ ހުއްޓިފައެވެ.
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެމެރިކާގެ ސަރުކާރުން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބުގެ ނައިބު މޯގަން އޯޓަގަސް ވިދާޅުވީ، އުފެއްދުންތެރި، ނަތީޖާ ޙާޞިލްކުރެވޭ ފަދަ މަޝްވަރާތަކަށް އެމެރިކާ ތައްޔާރު ކަމަށެވެ.
މިގޮތުން، އީރާންގެ ފަސްގަނޑުގައި ޔުރޭނިއަމް މުއްސަނދި ކުރުން ހުއްޓައިލުމަކީ، މަޝްވަރާގެ މޭޒަށް އެނބުރި އައުމަށް އެމެރިކާއިން ދޫނުދޭނެ ޝަރުތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރު ސަޢީދު ވިދާޅުވީ، އެމެރިކާގެ އެ ޝަރުތަކީ ނިޔުކްލިއަރ ހަކަތަ އުފެއްދުމަށް އީރާނަށް ލިބިދީފައިވާ ޙައްޤު ނިގުޅައިގަނެވޭ، ވަރަށް ބޭއިންސާފު ޝަރުތެއް ކަމަށާއި، އެކަމަށް އީރާނުން އެއްބަސްނުވާނެ ކަމަށެވެ.
އީރާނުން ހިންގަމުންދާ ނިޔުކްލިއަރ ޕްރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުންކަމަށް އެމެރިކާގެ އިތުރުން ހުޅަނގުގެ ބާރުތަކުން ވެސް ތުހުމަތު ކުރެއެވެ.