މިއަހަރުގެ މިހާތަނަށް އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދިޔަ ޑްރަގް އެންފޯސްމަންޓް އޮޕަރޭޝަންތަކުން އެންމެ ގިނަ އަދަދަކަށް ބަނގުރާ އަތުލައިގަނެފައިވަނީ ކ. މާފުށިންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓްގެ ފަރާތުން ހިންގާ އޮޕަރޭޝަންތަކާއި ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑްރަގް އެންފޯސްމަންޓްގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސްއާއި ހަވާލުވެގެންހުރި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، ފާތިހު މުހައްމަދު ވިދާޅުވީ އަތޮޅުތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ މުޢާމަލާތްކުރުން މަދުކުރުމަށްޓަކައި ކައުންޓަރ ނާކޮޓިކްސް އިންޓަލިޖެންސާއި ގުޅިގެން ޑްރަގް އެންފޯސްމަންޓުން ފެބްރުވަރީން އޮކްޓޫބަރު މަހާއި ހަމައަށް ޖުމްލަކޮށް 7 އަތޮޅެއްގައި އޮޕަރޭޝަންތައްކުރިއަށް ގެންގޮސްފައިވާކަމަށެވެ.
ފާތިހު ވިދާޅުވީ މި އޮޕަރޭޝަންތަކުގައި 4،998 ބަނގުރާފުޅި އަތުލައިގަނެފައިވާއިރު މީގެ ތެރެއިން 4،817 ބަނގުރާފުޅި އަތުލައިގެންފައިވަނީ މާފުށިން ކަމަށެވެ. މިގޮތުން މާފުށީގައި ހިންގި އޮޕަރޭޝަންތަކުގައި 13 ތަނެއް ބަލައިފާސްކޮށްފައިވާއިރު، 20 ފަރާތެއްވަނީ ހައްޔަރުކޮށްފައެވެ. އެހެން ސަރަހައްދުތަކާއި އަޅައިބަލާއިރު އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވަނީވެސް އެރަށުންނެވެ.
އަތޮޅުތެރޭގައި މަސްތުވާތަކެއްޗާއި ބަނގުރަލުގެ މުޢާމަލާތްކުރުން ހުއްޓުވުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން 32 ތަނެއް ބަލާ ފާސްކޮށް 61 ފަރާތެއްވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ. އަދި ހުރިހާ ސަރަހައްދަކުން ޖުމްލަކޮށް 12.18 ކިލޯގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ރާއްޖޭގައި މަސްތުވާތަކެއްޗާއި ބަނގުރާ އެތެރެކޮށް ވިއްކުމަށް ހުރަސްއަޅައި، މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންވަނީ ގިނަ އޮޕަރޭޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. މީގެ ތެރެއިން މާލެ ސަރަހައްދާއި، އަތޮޅުތަކުގެ ކަމާއިގުޅުންހުރި މުވައްސަސާތަކާއި ގުޅިގެން ވަނީ މަސައްކަތްކޮށްފައެވެ.