ޚަބަރު

ޝަރުޢީ ހަމަތަކުގެ ބޭރުން އިޞްލާޙީ މަސައްކަތެއް ނުކުރެވޭނެ- ޝަމީމް


ޤައުމު އިޞްލާޙުކުރަންޖެހޭނަމަ އެކަން ކުރެވޭނެ ޝަރުޢީ ހަމަތައް ހުންނަކަމަށާއި އެ އުޞޫލުން ބޭރުން މަސައްކަތްކުރެވިގެން ނުވާނެކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ. 

ސޯޝަލް މީޑިއާގައި ޢާންމުކުރެވިފައިވާ އާދަމް ޝަމީމްގެ ވާހަކަތަކެއްގައި ވިދާޅުވެފައިވަނީ، ބޭރުގެ ޤައުމުތަކުގެ އެހީތެރިކަން ހޯދައި، އެ މީހުންގެ ވާގިވެރިކަމުން ހިއްވަރު ލިބިގަނެގެން، ޤައުމެއްގެ ވެރިކަން، ޝަރުޢީ ހަމަތަކުން ބޭރުން ވައްޓާލަން މަސައްކަތްކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށެވެ.

އައްޝައިޚް އާދަމް ޝަމީމް ބަޔާންކުރެއްވި ގޮތުގައި އިޞްލާޙަށްޓަކައި މަސައްކަތްކުރެވޭނެ ޝަރުޢީ ހަމަތައް އެބަހުއްޓެވެ. އެ ހަމަތަކާ އެއްގޮތަށް މަސައްކަތްކުރެވޭނެއެވެ. އެއާ ޚިލާފަށް މަސައްކަތްކުރުމަކީ، ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެމެރިކާއާއި ޔޫރަޕްގެ ޤައުމުތައް ފާހަގަކުރައްވައި، އަދި އަވައްޓެރި ބައެއް ޤައުމުތަކުގެ ނަން ފާހަގަކުރައްވަމުން، ޝައިޚު ވިދާޅުވީ، އިސްލާމް ދީނުގެ ޢަދާވާތްތެރި ޤައުމުތަކުގެ އެހީތެރިކަން ހޯދައިގެން، އެމީހުން ބުނާގޮތަށް ޤައުމުގެ ވެރިކަން ބަދަކުރަން ނުޖެހޭނެކަމަށެވެ. ޢަރަބި އިސްލާމީ ޤައުމުތަކުން އެފަދަ ކަންކަމުގެ ނަތީޖާ ފެންނަން އެބަހުރިކަން ބަޔާންކުރައްވައި، ބުއްދި ސަލާމަތުން ހުރި ކޮންމެ ކޮންމެ ދިވެއްސަކަށްވެސް އަދި ކޮންމެ މުސްލިމަކަށްވެސް އެފަދަ ކަންކަމުގެ ނަތީޖާ އެނގޭނެކަން ފާހަގަކުރެއްވިއެވެ. ސީދާ ސިޔާސީ ގޮތުން ވެރިކަން ބޭނުންވެގެން އުޅޭ ބަޔަކުމީހުން މި އިސްލާމީ ޤައުމުތަކުގައިވެސް، ނުކުމެ މަގުމަތީގައި ތަޅައިފޮޅައި، ހަމަނުޖެހުން އުފައްދާތަން ފެންނަކަން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް ދާދިފަހުން ތުރުކިވިލާތުގައި ގެންނަން މަސައްކަތްކުރި ނާކާމިޔާބު ބަޣާވާތް މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"ތުރުކީގައި އިހައްދުވަހު ހިނގައިދިޔަ ޤައުމުގެ ސިފައިންގެ ބަޔަކު ނުކުމެ، އެޤައުމުގެ ވެރިކަން ބައްޓާލަން، ބަދަލުކުރަން މަސައްކަތްކުރީ.. ކޮންކަމަކާ ހެދިތޯ.. ތުރުކީއަށް ލާދީނީ ސެކިޔުލާ ނިޒާމެއް އައިހަފުން އަދި ކިރިޔާ އިނގޭތޯ ޤުރުއާން ޤަބޫލުކުރާ ވެރިޔަކު މިއައީ.. އެބޭފުޅެއްގެ ގޯސްތައްވެސް އެބަހުރިހަމަ.. އެކަމަކު އެ ގޯހަކީ އަޅުގަނޑުމެންނަށް ޓަސްލާފައި ރަނގަޅުކުރެވޭނެ ކަމެއް ނޫން.. އެކަމަކު އެހެނޭ ކިޔާފައި އެ ވެރިކަން ބަދަލުކުރަން މި އުޅެނީ ކޮންބައެއްތޯ.. ސީދާ އިސްލާމް ދީން ޤަބޫލުނުކުރާ ބަޔަކު ނުވަތަ ވެސްޓަން މީހުން ފަހަތުގައި ތިބެގެން، އިސްލާމް ދީނުގެ ޢަދާވާތްތެރިން ސަޕޯޓް ދީގެން، އެމީހުންގެ އެހީތެރިކަމާއެކު.. އެހެންވީ އަލްހަމްދުލިﷲ.. އަޅުގަނޑު ދުޢާކުރިން ތުރިކީގައި ހިންގަން އުޅުނު ބަޣާވާތް ނާކާމިޔާބުކުރައްވާތޯ ﷲ ސުބުޙާނަހޫ ވަތަޢާލާ. އުރުދުޣާނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ނަޞުރުދެއްވައިފި." ޝަމީމް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/1864.jpg|ޝައިހް އާދަމް ޝަމީމް އިބްރާހީމް - ފޮޓޯ: ޕީއެސްއެމް

މެދުއިރުމަތީގެ އެކި ޤައުމުތަކުގައި ވެރިކަމަށްޓަކައި ހިންގާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވައި، ޝަމީމް ވިދާޅުވީ އެކަމުގެ ސަބަބުން އެ ޤައުމުތައް ދަށް ޙާލަތަށް ވެއްޓިފައިވާ ކަމަށެވެ. މިސުރުގެ ސިޔާސީ އަދި ދާޚިލި ހަމަނުޖެހުން ފާހަގަކުރައްވައި ޝައިޚް ޝަމީމް ވަނީ އެކަމުން ޙާޞިލްވީ ކޮންކަމެއްތޯ ސުވާލުކުރައްވާފައެވެ. އަދި ނިކުތް ހަމައެކަނި ނަތީޖާއަކީ ޣައިރު މުސްލިމުން ބާރުގެ ދަށަށް ދިއުންކަމަށް ޝަމީމް ވިދާޅުވިއެވެ.

ޤައުމުގެ ވެރިކަން ބަދަލުކުރަން ނުވަތަ އިޞްލާޙަށްޓަކައި ކަމަށް ބުނެ، މަސައްކަތްކުރާއިރު ކުރިޔަށް ރަނގަޅު ގޮތް ފެންނަ އޮންނަންވާނެކަމަށް ވިދާޅުވެ، ދެން ގެންނަން ހުރި ރަނގަޅު ވެރިޔަކީ ކޮބައިތޯ އައްޝައިޚް އާދަމް ޝަމީމް ސުވާލުކުރެއްވިއެވެ.

"އަޅުގަނޑުމެން ބޭނުންވާ ފެންވަރުގެ ދީނީ ޢިލްމުވެރިޔަކު ނުވަތަ ދިވެހިން ޤަބޫލުކުރާވަރުގެ ޝަޚުޞިއްޔަތަކު އެބަހުރިތޯ އެއްވެރިކަން ބަދަލުކޮށްފައި އަނެއް ވެރިކަން ގެންނަން.. މިއީ މުހިންމު ސުވާލެއް އަޅުގަނޑުމެން ކުރަން މިސާލަކަށް.. މިއަދު މި އޮތް ވެރިކަން އަޅުގަނޑުމެން ބަދަލުކޮށްލަން.. ބަދަލުކޮށްލާއިރު ސުވާލަކީ ކާކުތޯ އަންނަން ހުރީ.. ކޮންބައެއްތޯ ގެންނަން ތިބީ.. އަޅުގަނޑަށް ދައްކަވާ މި ވެރިކަމަށްވުރެ ރަނގަޅު ވެރިކަމެކޭ ދެން އަންނާނ.. މިތިބިއްޔޭ އެ ޝަޚުޞިއްޔަތުންނަކީ.. ދީނަށް ލޯބިކުރާ، ޤުރުއާނާއި ސުންނަތަށް ތަބާވާ،ރިވެތި އަޚްލާޤް ޙިމާޔަތްކުރާނެ، ޢިލްމުވެރިންގެ ބަސްއަހާނެ.. ކޮބައިތޯ އެމީހަކީ." ޝަމީމް ވިދާޅުވިއެވެ.

އައްޝައިޚް އާދަމް ޝަމީމް ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ގޯސް މީހުން ތިބިނަމަވެސް، ޤައުމަށް ހެޔޮއެދިގެން މަސައްކަތްކުރާނަމަ އެކަން ކުރަންވާނީ އެކަމަށް އޮންނަ ޝަރުޢީ ގޮތަށް ކަމަށެވެ. އަދި ރާއްޖެއަކީ މުސްލިމް ޤައުމަކަށްވީއިރު، ޣައިރު މުސްލިމުންގެ އެހީހޯދައިގެން އައިސް ޤައުމު ބަދަލުކޮށް ނުވަތަ އެކަހަލަ ނުބައި ނިޔަތެއްގައި އެކަމެއް ކުރުމަކީ އަޅުގަނޑުމެންނަށް އޮތް އިޚްތިޔާރެއް ނޫންކަމަށް އޭނާގެ ވީޑިއޯގައި ބުނެފައިވެއެވެ.