ޚަބަރު

އޮޕަރޭޝަން އަލިމަގު: ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް


  • މިއޮޕަރޭޝަނުގައި މިހާތަނަށް 193 މީހުން ހައްޔަރުކޮށްފި

  • 166 ތަނެއް ބަލާ ފާސްކޮށްފައިވޭ

  • 39 ރަށެއްގައި ފުލުހުންވަނީ އޮޕަރޭޝަން ކުރިއަށްގެންގޮސްފައި

އޮޕަރޭޝަން އަލިމަގުގެ ދަށުން ހައްޔަރުކުރި މީހުންގެ ތެރެއިން 34 މީގެއްހެ މައްސަލަ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އޮޕަރޭޝަން އަލިމަގަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 193 ހައްޔަރުކޮށްފައިވާއިރު، މީގެ ތެރެއިން 34 މީގެއްގެ މައްސަލައިގެ ތަޙުޤީގު ނިންމައި މިހާރު ވަނީ ޕީޖީ އޮފީހަށް ހުށަހަޅާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިޙް މުޙައްމަދު ވިދާޅުވީ އޮޕަރޭޝަން އަލިމަގުގެ ދަށުން މިހާތަނަށް 166 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި މިއޮޕަރޭޝަންގެ ތެރެއިން 193 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ 186 ފިރިހެނުންނާއި 7 އަންހެނުންކަމަށް ވިދާޅުވިއެވެ.

ބަލާ ފާސްފާސްކުރެވުނު އުޅަނދުތަކަށް ބަލާއިރު އެއްގަމު 9 އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދެއްވަނީ ބަލާފާސްކޮށްފައެވެ. މިގޮތުން މިއޮޕަރޭޝަންގެ ދަށުން މިހާތަނަށް 30.63 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ސިލްސިލާކޮށް ފުލުހުންގެ ނާކޮޓިކްސް ބިއުރޯ އަދި އިންޓަލިޖެންސް ގުޅިގެންކުރިއަށްގެންދާ މިއޮޕަރޭޝަން މިހާތަނަށް ރާއްޖޭގެ 39 ރަށެއްގައިވަނީ ހިންގާފައެވެ. ފުލުހުންދަނީ މަސްތުވާތަކެތި އަތުލައިގަނެ މުޖުތަމަޢާކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކާއި ތަންފީޒީ އިދާރާތަކެއް ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި އަތުލައިގަންނަ މަސްތުވާތަކެތި އިތުރުވަމުންދާއިރު ކޯޓު މަރުޙަލާގައި ފިޔަވަޅު އެޅުމުގައި އަދިވެސް ގިނަ ގޮންޖެހުންތަކެއްވަނީ ކުރިމަތިވެފައެވެ. އެކަންކަމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތްކޮށް ހައްލު ގެނައުމަށްދަނީ މަޝްވަރާކުރަމުންނެވެ.