ޚަބަރު

ރަންވޭލާ ކެމްޕޭނާއި ގުޅޭ މަޢުލޫމާތު މީޑިއާއަށް ދެއްވައިފި


މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއިން ފަށްޓަވާފައިވާ ރަންވޭލާ ކެމްޕޭނާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިޔާގައި މަސައްކަތްކުރާ ފަރާތްތަކަށް މަޢުލޫމާތު ދެއްވައިފިއެވެ.

ޖެންޑަރ މިނިސްޓްރީން މީޑިޔާތަކަށް އަމާޒުކުރައްވައިގެން ބޭއްވެވި މި ބައްދަލުވުމުގައި، އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކުރައްވައިގެން މިނިސްޓްރީ ފައްޓަވާފައިވާ ރަންވޭލާ ކެމްޕޭންގެ ދަށުން، މުޖުތަމަޢުގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ގޮންޖެހުންތަކާއި، މުޖުތަމަޢުގެ ތެރޭގައި ހިންގާ އެކި ޙަރަކާތްތަކުގައި އެމީހުންގެ ބައިވެރިވުުން އޮތް މިންވަރާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ. "މީޑިޔާ ސެންސެޓައިޒޭޝަން" މިނަމުގައި ބޭއްވެވި މި ބައްދަލުވުމުގައި އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމާއި، ދުޅަހެޔޮ ކަަމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވާފައިވެއެވެ.

މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ ޖެންޑަރ މިނިސްޓްރީގެ ބޭފުޅުންނާއި މިދާއިރާގެ ތަޖުރިބާކާރުންނެވެ. މި ބައްދަލުވުމުގައި، އުމުރުން ދުވަސްވީ މީހުންނަށް ދިމާވާ ގޮންޖެހުންތަކާއި، މުޖުތަމަޢުގެ ތެރޭގައި އެމީހުންގެ ޤަދަރު މަތިކޮށް އެފަދަ ކަންކަމަށް ވިސްނައިގެން، ޚަބަރާއި މަޢުލޫމާތާއި ޕްރޮގްރާމްތައް ފޮނުވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭ މަޢުލޫމާތު ދެއްވާފައިވެއެވެ.

މިބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ދެއްކެވި ވާހަކަފުޅުގައި، ރަންވޭލާ ކެމްޕޭންގެ ސަބަބުން މުޖުތަމައުގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިކެމްޕޭން ސިލްސިލާކޮށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އެކި މީޑިއާ ތަކުން 11 ފަރާތަކުން ބައިވެރިވެފައިވެއެވެ.