ޚަބަރު

އެސްޓީއޯގެ މުވައްޒަފުންނަށް ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުން


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯގެ މުވައްޒަފުންނަށް ލީޑަރޝިޕް ހުނަރު ދަސްކޮށްދިނުމުގެ ތަމްރީން ޕްރޮގްރާމެއް ހިންގަވައިފިއެވެ.

ލީޑަރޝިޕް އެންހާންސްމަންޓްގެ ނަމުގައި ކުރިއަށް ގެންދެވި މި ޕްރޮގްރާމްގައި އެސްޓިއޯގެ 46 މުވައްޒަފުން ބައިވެރިވިއެވެ. ''ލީޑަރޝިޕް އެންހާންސްމަންޓް'' ގެ ނަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން ކުރިއަށް ގެންދެވި މި ޕްރޮގްރާމަކީ، ގުޅިގެން މަސައްކަތްކުރުމާއި، އަމިއްލައަށް އިސްނެގުމުގެ ޢިލްމާއި ހުނަރާއި، ދިރިއުޅުމުގެ މުޙިންމު ހުނަރު ދަސްކޮށްދެއްވުމަށް ހިންގެވި ޕްރޮގްރާމެއް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މި ތަމްރީނު ޕްރޮގްރާމް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން - އެސްޓީއޯގެ މުވައްޒަފުން ފުރިހަމަކޮށްފައި ވަނީ ކ.ގިރިފުށީގައެވެ. މި ޕްރޮގްރާމްގެ ބައިވެރިން 48 ގަޑިއިރުގެ ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރޭގައި 13 ގަޑިއިރުގެ ތިއަރީ ކްލާސްތަކާއި، 20 ޕްރެކްޓިކަލް ކްލާސް ހިމެނެއެވެ.

ގިރިފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޮމާންޑަރ އިސްމާޢީލް ފަރުވީނެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީސް ސްޓަޑީސްގެ ކޮމާންޑަރ ކާނަލް ވައިސް ވަޙީދު ދެއްކެވި ވާހަކައިގައި، އިންސާނީ ވަޞީލަތް ތަރައްޤީކޮށް، ޤައުމު ބިނާކުރުމުގައި ލީޑަރޝިޕް ފަދަ ދާއިރާތަކުން ޒުވާނުން ތަމްރީނުވެފައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ އެމީހެއްގެ އަމިއްލަ ނަފްސު ބިނާކުރުމަށްޓަކައި ލިބޭ މުހިންމު ފުރުޞަތެއްކަންވެސް ވައިސް ވަޙީދު ފާހަގަކުރެއްވިއެވެ.

"ޤައުމު ބިނާކޮށް ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރަން މުހިންމު ކަމެއް. އިންސާނީ ވަސީލަތް ތަރައްޤީކުރުމާއި ޑިވަލޮޕް ކުރަންޖެހޭ ލީޑަރޝިޕް އަދި އޯނަޝިޕް ފަދަ ދާއިރާތަކުން'' ކާރނަލް ވައިސް ވަޙީދު ވިދާޅުވިއެވެ.

ލީޑަރޝިޕް އެންހާންސްމަންޓް ތަމްރީނު ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ވަނަވަނައަށް އައި ފަރާތްތަކަށްވެސް ވަނީ ތަށްޓާއި އިނާމު ޙަވާލުކުރައްވާފައެވެ.

މި ޕްރޮގްރާމްގެ އެންމެ މޮޅު އަންހެން ބައިވެރިއަކަށް އާމިނަތު ނާޖިއަތު ޝަރީފު ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ބައިވެރިއަކަށް ހޮވުނީ މިފްޒާލް އާދަމެވެ. ސުވިމިން ޗެލެންޖުން 1 ވަނައަށް ހޮވުނީ ބްރާވޯ ސްކޮޑް ތިނެކެވެ. ލީޑަރޝިޕް ރިއެކްޝަނުން 1 ވަނައަށް ހޮވުނީ އަލްފާ ސޮކްޑް ދޭކެވެ. ސަރވިސް އެނަލައިސިސް އިން ބްރާވޯ ސްކޮޑް 1 އެއްވަނަ ހޯދިއިރު، ބެސްޓް ސްކޮޑަކަށް ހޮވުނީ ބްރާވޯ ސްކޮޑް ދޭކެވެ. އެމްއެންޑީއެފް އިން ކުރިއަށްގެންދެވި ލީޑަރޝިޕް އެންހާންސްމަންޓް ޕްރޮގްރާމް އެސްޓީއޯގެ 46 މުވައްޒަފަކު ފުރިހަމަ ކޮށްފައިވެއެވެ.