ޚަބަރު

މިއަހަރުގެ 3 ވަނަ އެޗުއާރުސީއެމް ފޯރަމް ފަށައިފި


  • މިފަހަރުގެ ފޯރަމްގައި 63 ފަރާތުން ބައިވެރިވޭ

  • މާލެއާއި އަތޮޅުތަކުން 40 ޖަމްޢިއްޔާއިން ބައިވެރިވޭ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ 3 ވަނަ "އެޗްއާރްސީއެމް ފޯރަމް" ފަށައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިފޯރަމްގެ މިފަހަރުގެ މަޢުޟޫއަކީ "ބަދަލުވަމުންދާ މޫސުމީ ޙާލަތުގައި ޙައްގުތައް ރައްކާތެރިކުރުން: ވިޔަފާރި، ތިމާވެށީ އަދި ޖަވާބުދާރީވުން." މިމަޢުޟޫއެވެ.

އެޗްއާރްސީއެމުން ވިދާޅުވީ، މިފަހަރުގެ ހިއުމަން ރައިޓްސް ފޯރަމްގައި ތިމާވެއްޓާއި އިންސާނީ ހައްގުތަކުގެ ގުޅުމުގެ އިތުރުން މުޖުތަމަޢާއި ތިމާވެށީގެ ޙައްގުތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވާކަމަށެވެ. މިފޯރަމްގައި އެޗްއާރްސީއެމާއި ޔޫއެންޑީޕީ ތަމްސީލުކުރާ އެކި ފަރާތްތަކާއެކު 63 ބޭފުޅުން ބައިވެރިވާކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ. މާލެ ސަރަޙައްދުގެ 26 މަދަނީ ޖަމްޢިއްޔާއާއި އަތޮޅުތަކުގެ ރަށްތަކުން 14 ޖަމްޢިއްޔާ ބައިވެރިވެއެވެ.

މިފޯރަމްގެ މަޤްސަދަކީ، ކޮމިޝަނާއި މަދަނީ ޖަމްޢިއްޔާތަކާއި އޮންނަ ގުޅުން ބަދަހިކޮށް ދެމެހެއްޓެނިވިގޮތެއްގައި ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ މާޙައުލެއް ޤާއިމުކޮށް އިންސާނީ ޙައްގުތަކާއި ގުޅުންހުރި ދާއިރާތަކުން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ.

މިއަހަރު މިފޯރަމްވަނީ ޖުލައި މަހުވެސް ބާއްވާފައެވެ. އެފޯރަމްގެ ތެރެއިންވަނީ އޭޝިއަން ޕެސިފިކް ފޯރަމް އަދި ޑޭނިޝް އިންސްޓިޓުޓް އޮފް ހިއުމަން ރައިޓްސްއާއެކު ބައިނަލްއަޤުވާމީ އެއްބާރުލުމާއެކު އެކުލަވާލެބުނު ރައިޓު ޑިފެންޑް ރައިޓްސް ޓޫލްކިޓް ތަޢާރަފްކޮށްފައެވެ. މިޓޫލް ކިޓަކީ ރާއްޖޭގައި އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކަށް މަގުފަހިވެފައިވާ މާޙައުލު ވަޒަންކުރުމަށް ފަރުމާކުރެވިފައިވާ މޮނީޓަރިން ވަޞީލަތެއްކަމަށް އެޗްއާރްސީއެމުން ވިދާޅުވެއެވެ.