ޚަބަރު

ބޭރުގެ މީޑިއާކުން ރިޕޯޓެއް ހެދިކަން ރަސްމީގޮތުން އެނގިފައެއް ނެތް


ރާއްޖޭގެ އަގުވެއްޓޭގޮތަށް އަދި ސަރުކާރާއި ދެކޮޅަށް އެއްވެސް ފަރާތަކުން ޑޮކިއުމެންޓްރީއެއް ހަދާފައިވާ ކަމެއް އަދި ޢާންމުކުރަން އުޅޭކަން ރަސްމީގޮތުން ސަރުކާރަށް އެނގިވަޑައިގެންފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔަކު ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލަތަކެއް އެބަހުރިކަމަށް ބުނެ، ތައްޔާރުކުރިކަމަށް ބުނާ ތަޙްޤީޤީ ޑޮކިއުމެންޓްރީއެއް ޢާންމުކުރާ ވާހަކައަށް އިޝާރާތްކޮށް، ދިވެހި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދު ﷲ ޖިހާދު ވިދާޅުވީ އެފަދަ ކަމެއް ސަރުކާރަށް ރަސްމީ ގޮތުން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެފަދަ ކަމެއްގައި ސަރުކާރާ ވާހަކަވެސް ދެކެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖެއާ ބެހޭގޮތުން ތެދު މަޢުލޫމާތުގެ މައްޗަށް ޑޮކިއުމެންޓްރީއެއް، ރިޕޯޓެއް ހެދުމަށް ސަރުކާރުގެ ޞައްޙަ މަޢުލޫމާތު ހޯދުމުގެ ކަންކަން ޢާންމު އުޞޫލާއި އެއްގޮތަށް ހިނގާފައި ނުވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.