ކުޅިވަރު

ރެއާލްގެ އެންޑްރިކް ފްރާންސްގެ ލިއޯނަށް


ރެއާލް މެޑްރިޑުގެ ބްރެޒިލް ޒުވާން ފޯވާޑް އެންޑްރިކް ފިލިޕޭ، ފްރާންސްގެ ލިއޯނަށް ދޫކޮށްލައިފި އެވެ.

އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ މި ވަގުތަށް ރެއާލްއިން ދޫކޮށްލީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ސަބަބަކީ ޓީމުގެ ވާދަވެރިކަން ބޮޑުވުމުން އެންޑްރިކަށް ކުޅުމުގެ ވަގުތު ނުލިބޭތީ އެވެ. އަނިޔާގެ ސަބަބުންނާ ވެސް އެކު މި ސީޒަނުގައި އަދި އޭނާ އަށް އެންމެ މިނިޓެއް ކުޅެން ނުލިބެ އެވެ.

އަނެއްކޮޅުން ކުރިއަށް އޮތް އަހަރުގެ ވޯލްޑް ކަޕް ކުޅޭ ބްރެޒިލް ޓީމުން ޖާގަ ހޯދަން އެންޑްރިކް ބޭނުންވެ އެވެ. އޭނާ އަށް އެ ފުރުސަތު ލިބެން އޮތީ ގަވާއިދުން ކުޅެގެންނެވެ.

ލޯނު އެއްބަސްވުމުގައިވާ ގޮތުން މި ސީޒަން ނިމުމުން އެންޑްރިކް އަލުން ރެއާލްއާ ގުޅެން ޖެހޭނެ އެވެ. އެއީ އޭނާ ގަތުމުގެ އެއްވެސް ވާހަކަ އެއް ކޮންޓްރެކްޓްގައި ހިމަނާފައި ނުވާތީ އެވެ. ލިއޯންގައި އޭނާ ކުޅޭ މުއްދަތުގައި މުސާރަ ދޭނީ ދެ ކުލަބުންނެވެ. މި ގޮތުން ރެއާލް މެޑްރިޑުން އޭނާގެ މުސާރައިގެ ދެބައިކުޅައެއްބައި ދޭނެ އެވެ.

ރެއާލްގެ ފުރަތަމަ 11އިން ޖާގަ ހޯދަން ފޯވަޑުންގެ ވާދަވެރިކަން ބޮޑެވެ. ޓީމުގެ ޓީމުގެ ފުރަތަމަ 11ގައި ގަވާއިދުން ކުޅެމުންދަނީ ފްރާންސްގެ ކެޕްޓަން ކީލިއަމް އެމްބާޕޭ އާއި ބްރެޒިލްގެ ފޯވަޑް ވިނީޝިއުސް ޖޫނިއާ އެވެ. އޭގެ ފަހުން ޖާގަ ލިބެމުންދަނީ ބްރެޒިލްގެ ރޮޑްރީގޯ އަށެވެ. މިއަށްފަހު ސްޕޭނުގެ ޒުވާން ފޯވަޑް ގޮންޒާލޯ ގާސިއާ އަށެވެ. މިހެންވެ މި ސީޒަނުގައި އެންޑްރިކް ވެފައިވަނީ ޓީމުގެ ފަސް ވަނަ ފޯވަޑަށެވެ.

އެންޑްރިކް ވަނީ ހުސްވި ސީޒަނުގައި ރެއާލް އަށް ބަދަލުވެ، ރަނގަޅު ކުޅުމެއް ދައްކައި ރެއާލް އާއި ބްރެޒިލަށް ވެސް ގޯލުތަކެއް ޖަހައިދީފަ އެވެ.