ވިޔަފާރި

ޙަބީބު ބޭންކުގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފި


ރާއްޖޭގައި އެންމެ ފުރަތަމަ ބޭންކިންގެ ޚިދުމަތްދޭން ފެށި ބޭންކުތަކުގެ ތެރޭގައި ހިމެނޭ، ޙަބީބު ބޭންކުގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ޙަބީބު ބޭންކުގެ ހުޅުމާލެ ބްރާންޗު ހުޅުއްވައިދެއްވީ މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދެވެ. އޭޓީއެމް މެޝިންގެ ޙިދުމަތާއެކު ހުޅުވާފައިވާ ޙަބީބް ބޭންކުގެ ހުޅުމާލެ ބްރާންޗުންވެސް، އެ ބޭންކުގެ މާލެ ބްރާންޗުން ލިބޭ ބޭންކިންގެ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް ޙަބީބު ބޭންކުން ހާމަކުރެއެވެ.

ޙަބީބު ބޭންކުގެ ހުޅުމާލެ ބްރާންޗު ހުޅުއްވާދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ސަޢީދު ވަނީ ރާއްޖެ އިޤްތިޞާދީގޮތުން ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތާނގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް އަންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14729859378913.jpg|ޙަބީބު ބޭންކުގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވުން - ފޮޓޯ: ޕީއެސްއެމް

ޕާކިސްތާންގެ ބޭންކެއް ކަމަށްވާ ޙަބީބު ބޭންކުން އަންނަނީ ދުނިޔޭގެ 25 ޤައުމެއްގައި އެ ބޭންކްގެ 55 ބްރާންޗް ހިންގަމުންނެވެ. އަދި ޕާކީސްތާންގައި ޙަބީބު ބޭންކުގެ 1،500 ބްރާންޗް ހުރެއެވެ. ސައުތު އޭޝިއާގެ ބޭންކުތަކުގެ ތެރެއިން ޗައިނާގައި ބޭންކިންގ ޚިދުމަތްދޭ ހަމައެކަނި ބޭންކަކީ ޙަބީބު ބޭންކެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި ޙަބީބު ބޭންކުގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރ، ވާޖިދު ޢަލީ ޝާހު ވިދާޅުވީ ހުޅުމާލޭގައި ހުޅުވި އެ ބޭންކުގެ ބްރާންޗާއެކު ރާއްޖޭގައި އެ ބޭންކުން ދޭ ޚިދުމަތް ފުޅާވެގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭގެ ބްރާންޗަށް ލިބޭ ތަރުޙީބަކަށް ބެލުމަށްފަހު ރާއްޖޭގެ އެހެން ހިސާބުތަކުގައިވެސް އެ ބޭންކުގެ ބްރާންޗްތައް ހުޅުވުމުގެ ވިސްނުން އެބަހުރިކަމަށް ވާޖިދު ވިދާޅުވިއެވެ.   

ޙަބީބު ބޭންކުގެ ހުޅުމާލެ ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގައި، ޙަބީބު ބޭންކުގެ އިންޓަރނޭޝަނަލް ބޭންކިންގެ ހެޑް، އަބިދު ސައްތާރު، އަދި ޙަބީބު ބޭންކުގެ ސްރީލަންކާ އަދި ރާއްޖޭގެ، ރީޖަނަލް ޖެނެރަލް މެނޭޖަރ ޢާރިފު އެމް. ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް ރިޓަޔާރޑް، ސައްޔިދު ޙަވަރް ޢަލީ ޝާހުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.