ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މަސާޖު ޕާލާ ތަންތަން ބަންދުކުރުމުގެ މަސައްކަތުގެ ދަށުން ޑިސެންބަރު މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަަނަށް 83 މަސާޖު ޕާލާ ބަންދުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަސާޖްޕާލާގެ މައްސަލައަކީ މުޅި މާލެއަށްވެސް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއްކަމަށެވެ. ރައީސް ވިދާޅުވީ މަޝްވަރާ ބައްދަލުވުންތަކުން ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު ހާއްސަ އިސްކަމެއް ދީގެން މަސާޖު ޕާލާތައް ބަލާ ފާސްކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އަދި މިމަހުގެ 9 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 83 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިރާސާ ހަދާލި އިރު ރާއްޖޭގެ ތާރީޙުގައި ދުވަހަކުވެސް ނެތް މި އަދަދާއި ގާތްކުރާ އަދަދަކަށްވެސް ބަންދުކޮށްފައި، މީގެ ބައިކޮޅު ބައިވެސް ނެތް ބަންދުކޮށްފައި، އަބަދުވެސް ގޮސް އިންޒާރެއް ދީފާނެ ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅާފާނެ، އެކަމަކު ބަންދުކޮށްފައެއް ނެތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މަސާޖު ޕާލާތަކުން ބިދޭސީން ހައްޔަރުކުރަމުންވެސް ދާ ކަމަށެވެ. އަދި ޑީޕޯޓުކުރުމުގެ މަރުހަލާވެސް ކުރިއަށްގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ހެޔޮ ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި މިދިޔަ 3 ހަފްތާތެރޭ 56 ވިޔަފާރި ބަންދަކޮށްފައިވާ ކަމަށެވެ.