ވިޔަފާރި

ފުރަތަމަ ފަހަރަށް ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންގ ޝާއިޢުކޮށްފި


ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންގއެއް ޝާއިޢުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންގ ޝާއިރުކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިންގއެޖެންސީތަކުގެ ތެރޭގައި ހިމެނޭ އެޖެންސީއެއް ކަމަށްވާ "މޫޑީސް އިންވެސްޓަރސް ސާވިސް" ގެ ފަރާތުން ތައްޔާރުކޮށް ޝާއިރުކޮށްފައިވާ ރޭޓިންގއެއްގައެވެ. މޫޑީސް އިންރާއްޖެއަށް ދީފައިވަނީ "ބީ.ޓޫ" ރޭޓިންގއެކެވެ.

މި ރޭޓިންގ ގިންތީގައި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމުތަކާއި، އަވަށްޓެރި ޤައުމުތަކާއި، ކުދި ޖަޒީރާ ޤައުމުތައް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންގ ޝާއިރުކޮށްފައިވަނީ އިއްޔެއެވެ. ސޮވެރިން ކްރެޑިޓް ރޭޓިންގއަކީ ޤައުމެއްގެ ކްރެޑިޓް ރިސްކާއި އިންވެސްޓްމަންޓްގެ މާހައުލު ތިންވަނަފަރާތަކުން ހަމަހަމަ ގޮތެއްގައި ބެލުމަށްފަހު ހާމަކުރާ މިންގަނޑެކެވެ.

މި ސަބަބަށްޓަކައި ސޮވެރިން ކްރެޑިޓް ރޭޓިންގ އަކީބައިނަލްއަޤްވާމީ މާލީ އިދާރާތަކަށާއި ބޮޑެތި އިންވެސްޓަރުން އިތުބާރުކުރާ އަދި މާލީ ނިންމުންތައް ނިންމުމުގައި ބަލާ މުހިންމުއެއްމިންގަނޑެކެވެ. ވަކިން ޚާއްޞަގޮތެއްގައި، ކްރެޑިޓް ރޭޓިންގ އަކީ އެ އިންވެސްޓްމަންޓަކާއި އެކަށޭނަ ފައިނޭންޝަލް އަގުދެނެގަތުމަށް ބޭނުންކުރާ މިންގަނޑެކެވެ.

ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންގ އެއްޝާއިޢުކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރއިން ނެރެފައިވާ ނޫސްބަޔާނެއްގައިވާގޮތުން އެފަދަ ރޭޓިންގއެއް ރާއްޖެއާއި ގުޅޭގޮތުން  ނެތުމުގެ ސަބަބުން ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކުރުމަށާއިބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ ގެނައުމަށް ހުރަސް އެޅިފައިވާކަމަށެވެ. އޭގެ ތެރޭގައި، އަމިއްލަ ވިޔަފާރިތަކުން ކުރަން ރާވާއިންވެސްޓްމަންޓްތަކަށް ފައިސާ އާއި އިންވެސްޓަރުން ހޯދުމަށް ދަތިތައް ދިމާވާކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެސޮވެރިން ކްރެޑިޓް ރޭޓިންގއެއް ނެތުމުގެ ސަބަބުން ބޭރުގެ ފައިނޭންސިންގ ހޯދުމުގައި ޚަރަދު ބޮޑުކަމަށްވެސް ފިނޭންސް މިނިސްޓްރީން ފާހަގަކުރެއެވެ. އަދި މި ރޭޓިންގ ޝާއިޢުކުރުމުގެ ސަބަބުން، ދިވެހިރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެއިންވެސްޓްމަންޓްތަކަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މަގުފަހިވެ، ފައިނޭންސިންގއަށް ހިނގާ ޚަރަދު މިހާރަށްވުރެ ކުޑަވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ރާއްޖޭގެ މާކެޓް ބޭސްޑް ފައިނޭންޝަލް ސިސްޓަމް ތަރައްޤީ ކުރުމުގެތަސައްވުރެއް ވަރަށް އަވަސް މުސްތަޤުބަލެއްގައި އިޢުލާނު ކުރެވިގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ.

ސޮވަރިން ކްރެޑިޓް ރޭޓިންގ ޝާއިޢުކުރުމަކީދިވެހިރާއްޖޭގެ ބޭންކުތަކާއި މާލީ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކުންވިއްކާ ބޮންޑާއި ސުކޫކް ފަދަ ޑެޓް އިންސްޓްރުމަންޓް ތަކަށްވެސް ކްރެޑިޓް ރޭޓިންގއެއް ހޯދައި ބައިނަލްއަޤްވާމީ މާލީބާޒާރުތަކުން ފައިނޭންސް ހޯދުމަށް މަގުފަހިވެގެންދާނެކަމެކެވެ. އަދި  މީގެ ސަބަބުން ސަރުކާރުންފަށްޓަވާފައިވާ އިޤްތިސާދީ އެޖެންޑާއަށް ބޭނުންވާ ފައިނޭންސިންގ އާއި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ކުރާ ބޮޑެތިއިންވެސްޓްމަންޓް ތަކަށް ހެޔޮއަގެއްގައި ފައިނޭންސިންގ ލިބުމުގެ މަގު ފަހިވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ.

2007 ވަނަ އަހަރުން ފެށިގެން ވެރިކަންކުރެއްވި ހުރިހާ ސަރުކާރަކުންވެސް ކްރެޑިޓް ރޭޓިންގއެއް ހެދުމުގެ މަސައްކަތްކޮށްފައިވާކަމީ މި ކަމުގެ މުހިއްމުކަން ހާމަކޮށްދޭ ކަމެކެވެ. އެހެންނަމަވެސް، މި ކްރެޑިޓް ރޭޓިންގތަކުގެ ނަތީޖާ ޝާއިޢު ކޮށްފައިނުވުމުގެ ސަބަބުން އޭގެ ފައިދާ ދައުލަތަށާއި އަމިއްލަވިޔަފާރިތަކަށް ކޮށްފައިނުވާކަން ފިނޭންސް މިނިސްޓްރީން ފާހަގަކުރައްވައެވެ.

މޫޑީސްގެ ފަރާތުން ދިވެހިރާއްޖެއަށް B2 ގެ ރޭޓިންގއެއް ދީފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި މެދުރާސްތާގައި ރަނގަޅު ރޭޓެއްގައި ކުރިއަރާނެކަމަށް ފެންނާތީއެވެ. ނަމަވެސް އިޤްތިޞާދީ ދުވެލި ދެމެހެއްޓެނިވި މަގަކަށް ގެންދިއުމަށްޓަކައި އިޤްތިޞާދު ފުޅާކޮށް ސިނާއަތްތައް އިތުރުކުރުމުގެ މުހިންމުކަން މޫޑީސްއިން ފާހަގަކުރޭ. ދިވެހި ސަރުކާރުން މިހާރު ފަށައިގެން ކުރިއަށްދާ ބޮޑެތި އުމްރާނީ މަޝްރޫއުތަކާއި އެކު ދައުލަތުގެ ދަރަނި އިތުރުވަމުން ދިޔަނަމަވެސް، މޫޑީސްއިންވެސް ފާހަގަ ކޮށްފައިވަނީ، ދަރަނި ނެގުމާއި އަނބުރާ ދެއްކުމުގެ ޤާބިލިއްޔަތުކަން ދިވެހި ސަރުކާރުގައިއެބަހުރިކަމަށެވެ.

ޤައުމުތަކުގެ ކްރެޑިޓް ރޭޓިންގ ހެދުމުގައި މޫޑީސް އިން ބަލާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ އަދިދަރަނީގެ ސިޔާސަތާއި، އިޤްތިސާދީ ދުޅަހެޔޮކަމާއި، ދައުލަތުގެ އިދާރީ ނިޒާމުގެ ހަރުދަނާކަމާއި، ސިޔާސީ މާހައުލުގެ ހަމަޖެހުންފަދަ ކަންތައް ހިމެނެއެވެ. ކްރެޑިޓް ރޭޓިންގ އަކީ އެންމެ ފަހަރަކު ކުރެވޭ ކަމެއްނޫނެވެ. މި ރޭޓިންގ ދާނީ ކެނޑިނޭޅި ދިރާސާކުރެވިއެއިރެއްގެ ހާލަތައް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ބަދަލުކުރެވެމުންނެވެ.

ކްރެޑިޓް ރޭޓިންގ ހެދުމުގައި ބަލާކަންކަން ރަނގަޅުކުރަމުންދާނަމަ މުސްތަޤުބަލުގައި ރޭޓިންގ މަތިކުރުމުގެ ފުރުސަތުވެސް އޮވެއެވެ. އެގޮތުން ރައީސް ޔާމީނުގެ ސަރުކާރުންދިވެހިރާއްޖޭގެ އިޤްތިސާދު ފުޅާކޮށް ޑައިވާސިފައި ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ރޭޓިންގ ރަނގަޅުވެތަރައްޤީވެފައިވާ ޤައުމުތަކާ އެއްމިންވަރަކަށް ވާސިލުވުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައެވެ.