ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-0 ގެ ނަތީޖާ އަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު އެ ޓީމު އޮތީ ލީގުގައި މިހާތަނަށް ކުޅުނު 18 މެޗުން 42 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާ އެއް މެޗު މަދުން ކުޅެގެން 17 މެޗުން ވަނީ 43 ޕޮއިންޓޫ ލިބިފަ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑް އިން ކުރި ހޯދާފައިވަނީ މެޗުގެ 38 ވަނަ މިނިޓުގައި ރޮޑްރިގޯ ދިން ޕާހަކުން ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ސެވިއްޔާ އިން ރަގަޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެ ޓީމަށް ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗުގެ 68 ވަނަ މިނިޓުގައި ދެވަނަ ރީނދޫ ކާޑަކާއިއެކު މާކާއޯ އަށް ރަތް ކާޑު ދެއްކުމާއިއެކު އެ ޓީމުގެ ކުޅުން ވަނީ ދަށްވެފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ލަނޑާއެކު އެއް އަހަރުގެ ތެރޭގައި ރެއާލް މެޑްރިޑަށް އެމްބާޕޭ ޖަހައިދިން ލަނޑުގެ އަދަދު ވަނީ 59 އަށް އަރާފަ އެވެ. މިއީ ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގައި ކުރިން އޮތް ރެކޯޑެކެވެ. ރޮނާލްޑޯ ވަނީ 2013 ވަނަ އަހަރު ރެއާލް މެޑްރިޑަށް 59 ލަނޑު ޖަހައިދީފަ އެވެ.