އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށްފި އެވެ.
މެންޗެސްޓަރގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނިޓުގައި ސިޓީ އިން ވަނީ ލަނޑެއް ޖަހާ ވެސްޓްހޭމްގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އާލިން ހާލާންޑް އެވެ.
އަދި މެޗުގެ 38 ވަނަ މިނިޓުގައި ހާލަންޑް ދިން ޕާހަކުން ޓިޖާނީ ރޭންޑާރސް ވަނީ އިތުރު ލަނޑެއް ސިޓީ އަށް ކާމިޔާބުކޮށްދީފަ އެވެ.
މި މެޗުގައި ސިޓީ އިން ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 69 ވަނަ މިނިޓުގައި ހާލަންޑް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑާއެކު އޭނާ މި ސީޒަނުގައި ޕްރިމިއާ ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 19 އަށް އަރާފަ އެވެ.
ސިޓީ އަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ 17 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. ވެސްޓް ހޭމް އަށް ލިބިފައިވާ 13 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގައި ރެލިގޭޝަން ޒޯނުގަ އެވެ.
މި މެޗުން ސިޓީ މޮޅުވިއިރު އެ ޓީމު ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުންވެސް މޮޅުވެފަ އެވެ.