ތަޢުލީމު

އިސްކަންދަރު ސްކޫލުން 2015ގެ އެންމެ މޮޅު ދަރިވަރަކަށް އަޒްހާ


މިދިޔަ އަހަރު އިސްކަންދަރު ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މިދިޔަ އަހަރު އެސްކޫލްގެ ކެޕްޓަންކަން ކުރި މަރިޔަމް އަޒްހާ އިބްރާހީމް ހޮވިއްޖެއެވެ. މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން އޭނާ ވަނީ ދުނިޔެއިންވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައެވެ.

އިސްކަންދަރު ސްކޫލްގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މި ދިޔަ އަހަރު އެކި ގޮތްގޮތުން ފާހަކަ ކުރެވުނު ދަރިވަރުންނަށްވަނީ އިނާމާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ. މީގެތެރޭގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނު އެސްކޫލްގެ ދަރިވަރުންނަށާއި އޯލެވެލް އިމްތިހާނުން އަށް މާއްދާއިން އޭ ފާސް ހޯދައިގެން މުޅި ރާއްޖެއިން 1ވަނަ ހޯދި ދަރިވަރުންނާއި ވަކިވަކި މާއްދާތަކުން ދުނިޔޭން އެއްވަނަ ހޯދި ދަރިވަރުން ހިމެނެއެވެ. އަދި ސްކޫލުގެ އިތުރު ހަރަކާތްތަކުން ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށާއި ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށްވެސްވަނީ އިނާމާއި ހަނދާނީ ލިޔުން ދީފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ރަން ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުންދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމްއެވެ.

img:http://s2.psmnews.mv/images/660x400/14728929731694.jpg|އިސްކަންދަރު ސްކޫލުގެ 2015 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

2015 ވަނަ އަހަރު އިސްކަންދަރު ސްކޫލުން ހުރިހާ ގޮތަކަން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ މިދިޔަ އަހަރު އެސްކޫލްގެ ކެޕްޓަން މަރިޔަމް އަޒްހާ އިބްރާހީމްއެވެ. އަޒްހާ ވަނީ ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނަގައި ހިމެނި ވަކިވަކި މާއްދާތަކުން ދުނިޔެއިންވެސް އެއްވަނަ ހޯދާފައެވެ.

"އާދެ، މި މަދަރުސާގެ ތަޢުލީމީ ޖައްވު ދޫކޮށް މިއަދު އަޅުގަނޑު ގޮސްފައިވީނަމަވެސް އަޅުގަނޑުގެ ހިތާއި ރޫހުވަނީ މި ޢިލްމީ ދަންމަރާ ގުޅިފަ. އެހެންކަމުން އަޅުގަނޑު އަބަދުވެސް އެދެނީ މި ސްކޫލްގެ ނަން ދިވެހި އުޑުގައި ވިދަމުން ދިއުން. ނިންމާލަމުން މިވަގުތުވެސް އަޅުގަނޑު ބުނެލަން ބޭނުންވަނީ ހިތްވަރު ދޫނުކޮށްލާ މިއަހަރުގެ އޯލެވެލް އިމްތިޙާނުގައިވެސް ރަނގަޅު ނަތީޖާތަކެއް ހޯދައި އިސްކަންދަރުގެ ނަން ދަމަހައްޓައި ދޭށޭ" މަރިޔަމް އަޒްހާ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، ރާއްޖޭގެ އެންމެ ގިނަ މީހުން އެސްކޫލަކުން ތަޢުލީމް ހޯދަން އެދޭ ސްކޫލަކީ އިސްކަންދަރު ސްކޫލް ކަމުގައެވެ. އަދި އިސްކަންދަރު ސްކޫލް ވަނީ ރާއްޖޭގެ ތަޢުލީމީ ބްރޭންޑެއް އުފައްދަވާފައިކަމަށް ވިދާޅުވިއެވެ.

"އިސްކަންދަރު ސްކޫލްގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ އެތަނުގެ ހަތަރު ފާރުން އެތެރެއަށް ވަންނަ ކޮންމެ ދަރިވަރެއްގެ ފަހަތުގައި ފޮރުވިފައިވާ އިޖުތިމާޢީ ރޫހާނީ އަދި މާއްދީ ބަހާރަތުގެ އަސްލު ދެނެގަނެ އެދެވަރިވަރުން ބިނާ ކުރުމުގައި އެ ސްކޫލްގެ ވެރިން ގެންގުޅުއްވާ އަޅާލުމުގެ ފަލްސަފާ. މި ފަލްސަފާއިން އަންގައިދެނީ އިސްކަންދަރު ސްކޫލަށް ވަންނަ ކޮންމެ ދަރިވަރެއްގެ މުހިންމުކަން. ވަކި ފަރުދުންނަށްދޭ ސަމާލުކަން. އަޅާލުމަކީ އެމީހުންގެ ޒިންމާކަން. އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނެކަމުގެ ޔަޤީންކަން". ޑރ. އަބްދުﷲ ނަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ސަޢީދު ވިދާޅުވީ، އެ ސްކޫލުން ހޯދަމުންދާ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ނަތީޖާކަމަށެވެ. އަދި ހަމައެކަނި ފޮތުގައި ލިޔެފަ އޮންނަ އެއްޗެއް ކިޔަވައި ދިނުމުގެ އިތުރުން ދަރިވަރުންގެ ކުރިއެރުމަށް ގިނަ މަސައްކަތައް ކޮށްދެއްވަމުން ގެންދަވާކަން ފާހަކަ ކުރެއްވިއެވެ.

"ހުރިހާ އެއްޗަކުން ޔޫ ހޯދައިގެންވެސް އޭނާއަކީ މުޖުތަމަޢުގައި އުޅެން އެނގިއްޖެ މީހެއް ވެއްޖެއްޔާ އޭ ޕްލަސް އަކަށް އެވީ. އޭ ޕްލަސްގެ މީހަކަށް ވެގެން އެދިޔައީ. އެހެންވީމާ މީގެ މުހިންމު ކަމަކީ 21ވަނަ ޤަރުނުގައި އެންމެން ސެޓްފިކެޓް އެބަގެންގުޅޭ. އެކަމަކު މީގެތެރެއިން ކާމިޔާބު ވާނީ ކޮން ބައެއް. މީގެރެއިން ކާމިޔާބު ވާނީ ސެޓްފިކެޓަކާއި އެކު ނުކިމެ، އުޅެން އެނގޭ، އުސޫލްތަކަށާއި ޤަވާއިދުތަކަށް އިޙްތިރާމް ކުރަން ދަންނަ އެހެން މީހުން ބަލައިގަންނަ ގޮތްތަކެއް ހުރެގެން ނޫނީ މި 21ވަނަ ޤަރުނުގައި ކާމިޔާބު ވެގެން ނުދާނެކަން ތި ކުދިންނަށް މިރޭވެސް ހަނދާން ކޮށްދެން ބޭނުން." އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ޙުސައިން ސަޢީދު ވިދާޅުވިއެވެ.

އިސްކަންދަރު ސްކޫލުގައި މިއަހަރު 2053 ދަރިވަރުން ދަނީ ތައުލީމް ޙާސިލުކުރަމުންނެވެ.