ޚަބަރު

ފޯރިގަދަ "އުރީދޫ ފަންރަން" އަށް ބޮޑު ތަރުހީބެއް


  • މިފަހަރުގެ ހަރަކާތުގައި 7000 އަށްވުރެ ގިނަ މީހުން ބައިވެރިވި

  • އުރީދޫ ފަން ރަން އަކީ ރާއްޖޭގައި ބާއްވާ އެންމެ މަޖާ އެއް ދުވުން

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އެންމެ މަޖާ އެއް ދުވުން ކަމަށްވާ "އުރީދޫ ފަން ރަން" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ. މިފަހަރުގެ ހަރަކާތުގައި 7000 އަށްވުރެ މީހުން ބައިވެރިވެފައިވާކަމަށް އުރީދޫއިން ބުންޏެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށިގެން ކުރިޔަށް ގެންދިޔަ ފަސް ކިލޯ މީޓަރުގެ މި ފޯރިގަދަ ދުވުމުގައި ކުޑަކުދިންނަށް މަޖާ ހަރަކާތްތަކާއި، ފޯމް ޕާޓީއާއި، ކުލަޖެހުމާއި ފެން ޖެހުން އަދި އެކި ކަހަލަ ކުޑަކުދިންނާ ގުޅޭ މަޖާހަރަކާތްތައް ކޮންމެ ކިލޯ މީޓަރެއް ނިންމުމަށްފަހު ފެނިގެންދިޔަ މި ދުވުމަކީ މި އަހަރު މާލެ ސަރަހައްދުގައި ބޭއްވި އެންމެ ތަރުހީބު ބޮޑު ދުވުމެވެ.

ދުޅަހެޔޮ ޞިއްޙަތެއް ޕްރޮމޯޓް ކުރުމުގެ މަޤުޞަދުވެސް ހިމަނައިގެން ކޮންމެ އަހަރަކުވެސް ބާއްވާ މި ދުވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއާއި ޕޮލިސް ކޮމިޝަނަރ އިސްމާޢީލް ނަވީންއާއި ދައުލަތުގެ މުއައްސަސާތަކުގެ ބައެއް އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ.

އަދި ރާއްޖޭގެ ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އާއި އުރީދޫގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު މެރެތަން ރަނާރސްއާއި ދުވާ ގުރޫތަކާއި ފިޓްނެސް ހަރަކާތްތައް ވިލަރެސް ކުރާ އެކި އެކި އެސޯސިއޭޝަންތަކުންވެސް ބައިވެރިވިއެވެ. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އެކި އުމުރުފުރާތަކުގެ އާންމުން މި ދުވުމުގައި ބައިވެރިވިއެވެ.

އުރީދޫ ފަން ރަން އަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މިދުވުން ފެށުނީ ހަވީރު 4:00 ގައެވެ.

މި ދުވުމުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީ ޑްރޯއެއްވެސް ވަނީ ނަގާފައެވެ. އެގޮތުން ގުރުއަތުން ހޮވުނު ނަސީބުވެރި ތިން ފަރާތަކަށް ފިޓްސް އެއާރގެ ސްރީލަންކާ ދެކޮޅު ޓިކެޓާއި އިތުރު އެއް ފަރާތަކަށް ބޫޓްރޫމްގެ ފަރާތުން ދޭ ގިފްޓް ހެމްޕަރއެއް ހަދިޔާކޮށްފައިވެއެވެ.

އުރީދޫ ފަންރަން ކާމިޔާބުކަމާއެކު ނިންމާލިއިރު މިރޭ ފަން ރަން މިއުޒިކް ޝޯ ސެންޓްރަލް ޕާކުގައި ކުރިޔަށްދާނެއެވެ. މި ޝޯގައި ރާއްޖޭގެ މަޝްހޫރު ބައެއް މިއުޒިކު ބޭންޑުތައް ކަމަށްވާ ސިންބޮލިކް ރިކޯޑްސް އާއި ހަބޭސް ބޮޑުބެރު ގުރޫޕާއި ޓްރެފިކް ޖޭމްސް އާއި އުކުއެޓިކް ވައިބްސްގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

އުރީދޫ ފަންރަން ކުރިޔަށް ދިިޔައިރު މި އަހަރުގެ ދުވުމުގެ އެންމެ ބޮޑު އެއް ޕާޓްނަރ "ކޮފީބީން އެންޑް ޓީ ލީފު ގެ" ޚާއްސަ ސްޓޯލެއްގައި އެ ރެސްޓޯރެންޓްގެ ރަހަތައް ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.