ޚަބަރު

ވިމެންސް ލީގު: ފުރުސަތަށް އެދިއެދި ތިބި ކުޅުންތެރިންނަށް އުންމީދެއް


  • އެފްއޭއެމް ވިމެސް ލީގުގައި ރަށްރަށުން ހުނަރުވެރި ކުޅުންތެރިން ކުޅުނު

  • މި މުބާރާތުން ވިދާލާ ހުނަރުވެރި ކުޅުންތެރިންނަށް ގައުމީ ސްކޮޑުން ފުރުސަތު ލިބުން ގާތް

އަތޮޅުތަކުގެ ރަށްރަށުގައި ފުޓުބޯޅަ ކުޅުމުގެ ޝައުގު ހުރެ އެ ފުރުސަތަކަށް އެދި އެދި ތިބި އަންހެން ކުޅުންތެރިންނަށް އުންމީދެއް ގެނެސްދިނީ ޑިސެމްބަރު 1 ގައި ފެށި އެފްއޭއެމް ވިމެންސް ލީގު 2025 އިންނެވެ.

މިއީ 10 އަހަރަށްފަހު އެފްއޭއެމުން އަންހެން ފުޓުބޯޅަ މުބާރާތެއް އިއުލާނުކޮށް އަންހެން ފުޓުބޯޅަ ލީގެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ލީގުގައި ވާދަކުރި ކުލަބުތަކުގެ އުންމީދަކީ މިއަހަރަށްވުރެ ފޯރީގައި މިހާރަށްވުރެ ބޮޑުކޮށް ގައުމީ އަންހެން ފުޓުބޯޅަ ލީގު ބޭއްވުމެވެ. އަދި މާލެ ސަރަހައްދުން ބޭރުގައިވެސް މި މުބާރާތުގެ މެޗުތައް ކުޅެ އަތޮޅުތެރޭގެ ކުޅުންތެރިންގެ ހުނަރު ވެސް މި މުބާރާތުން ފެނިގެން ދިއުމެވެ.

ރަށްރަށުން މިއަހަރު ލީގަށް އައިސްތިބި ބައެއް އަންހެން ކުޅުންތެރިން 'ޕީއެސްއެމް ނިއުސް' އާއި ވާހަކަ ދައްކަމުން ބުނީ އަތޮޅުތެރޭގައިވެސް ފުޓުބޯޅައިގައި އަންހެނުންނަށް މާ ބޮޑު ފުރުސަތެއް ނެތްކަމަށެވެ. އޮންނަނީ ފުޓްސަލް މުބާރާތްތައް ކަމަށާއި، އެހެންނަމަވެސް މިއަހަރު މި ފެށި އެފްއޭއެމް ވިމެންސް ލީގުގެ ސަބަބުން އަންހެން ފުޓުބޯޅަ ކުޅުމުގެ ޝައުގާއި، ހުނަރު ހުރި ކުދިންނަށް މިއީ އުންމީދީ ފުރުސަތެއް ކަމަށެވެ.

އަދި ލީގުގައި ވާދަކުރާ ކުލަބުތަކުން ޖާގަހޯދައިގެން އެންމެ ރަނގަޅު ކުޅުން ދައްކައިގެން ޤައުމީ ޓީމުގެ ފުރުސަތަށް އުންމީދުކުރާ ކުޅުންތެރިން އެބަތިއްބެވެ.

އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ކުޅެމުން އަންނަ އދ. އޮމަދޫއިން މާލެ އައި ފާތިމަތު އިނާޔާ ބުނީ އޭނާއަށް މާޒިޔާއިން ލިބުނު ފުރުސަތުގެ ބޭނުން ހިފަނީ ގައުމު ތަމްސީލުކުރުމުގެ ފުރުސަތަށް ކުރެވޭ އުންމީދާއެކު ކަމަށެވެ. މާޒިޔާއިން ދޭ ތަމްރީނުތަކާއެކު އަންހެން ފުޓުބޯޅައިގައި އެހެން ހަރުފަތަކަށް ދެވޭނެކަމުގެ އުންމީދުގައި ކަމަށެވެ.

ބ. ކިހާދޫއިން ލީގަށް މާލެ އައިސް ހުރި ފާތިމަތު ނިހާމާ ބުނީ އަންހެން ފުޓުބޯޅަ ފަށައިގަތުމަކީ އޭނާ ފަދަ ކުޅޭ ހިތުން ފުރުސަތެއް ނުލިބިފައި ތިބި އަންހެން ކުދިންނަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އަދި އުންމީދަކީ އެފްއޭއެމުން އަތޮޅު ތެރޭގައިވެސް އަންހެން ކުޅުންތެރިންނަށް ޚާއްސާ މުބާރާތްތައް ބޭއްވުން ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ޤައުމީ ސްކޮޑުން ޖާގަ ހޯދުމަށް އޭނާވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އުފަން ރަށް ދޫކޮށް ފުޓުބޯޅައަށް އޮތް ޝައުގެއްގެ ބޮޑުކަމުން މާލެ އައިސް ހުރި މި ކުޅުންތެރިޔާއަށް މާޒިޔާގެ އަންހެން ޓީމުން ލިބުނު ފުރުސަތުގައި މާޒިޔާގެ ތަޖުރިބާރާކު ކުޅުންތެރިންނާއެކު މި ހޭދަވި ދުވަސްތަކުގައި ފުޓުބޯޅައިގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުމަށް ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްވަރެއް މިވީ މަހެއްހައި ދުވަހުސްތެރޭ ލިބިއްޖެ ކަމަށް އޭނާ ގަބޫލުކުރެއެވެ.

މާޒިޔާ ޓީމުގެ ކޯޗު ބުނީ އުންމީދަކީ މާޒިޔާގައި ތިބި ކުޅުންތެރިންގެތެރެއިން ޤައުމީ ޓީމަށް ނެގޭވަރުގެ ކުދިން އުފެދިގެން އައުން ކަމަށެވެ. ޢަދި ކުރިޔަށް އޮތްތަނުގައި އެފްއޭއެމުން އަންހެން ފުޓުބޯޅަ ލީގު މިއަހަރަށްވުރެ ބޮޑުކޮށް ބޭއްވުން ކަމަށެވެ. ރާއްޖޭގެ އަންހެން ފުޓުބޯޅައަށް އިތުރު ކުރިއެރުންތައް ލިބި ސަރަހައްދީ ފުޓްބޯޅައިގައި ރާއްޖެއަށް މިހާރު އޮތް ހިސާބުން ފަހަތަށް ސޮއްސާނުލައި މަޑުމަޑުން ކުރިއެރުންތައް ހޯދިދާނެ ކަމަށް މާޒިޔާގެ ކޯޗުވެސް ގަބޫލުކުރެއެވެ.

އެފްއޭއެމް ވިމެންސް ލީގު 2025 ގައި ބައިވެރިވީ ޖުމްލަ 6 ޓީމެވެ. އެއީ ޓީސީ ސްޕޯސްޓް ކުލަބު، ވިކްޓްރީ ސްޕޯޓްސް ކުލަބު، އޮޑި ސްޕޯޓްސް ކުލަބު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދެވަނަ ޑިވިޝަންގެ ބިސްބުރު ސްޕޯޓްސް ކުލަބެވެ. އެހެންނަމަވެސް އެފްއޭއެމްގެ އުންމީދަކީ ކުރިޔަށް އޮތް އަހަރުތަކުގައި މި އަދަދު އިތުރުކޮށް އަތޮޅުތެރެއިން ވެސް ކުޅުންތެރިން ޝާމިލުކޮށްގެން އަންހެން ފުޓުބޯޅަ ލީގު ބޭއްވުމަށެވެ.

ވިމެންސް ލީގު ނިންމާލީ ފޯރިގަދަ މެޗުތަކަކަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދި މާޒިޔާ ސްޕޯޓް އެންޑް ރެކްރިއޭޝަން ކުލަބާއި އޮޑި ސްޕޯޓް ކުލަބު ބައްދަލުކުރި މެޗުންނެވެ، އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކޮށް ލީގު ޓައިޓްލް ހޯދާ ޝީލްޑް އުފުލާލީ މާޒިޔާއިންނެވެ.

ރާއްޖޭގެ އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް ފީފާގެ ރައީސްއާއެކު އެފްއޭއެމްގެ ރައީސް ކުރެއްވި މަޝްވަރާތަކަށްފަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެން އަންހެން ފުޓުބޯޅައަށް އެހީވުމަށް ނިންމެވިކަން އޮތީ ފީފާގެ ވެބްސައިޓުގައި އިއުލާނު ކޮށްފައެވެ. އަތޮޅު މުބާރާތާއި އަންހެން ލީގަށް ފީފާއިން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފީފާއިން ކަނޑައަޅާ ދުނިޔޭގެ އަންހެން ރޭންކިންގައި ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމު ދެ ދަރަޖަ ފަހަތަށް ސޮއްސާލައި، ދުނިޔޭގެ ރޭންކިންގައި މިހާރު އޮތީ 165 ވަނައިގައެވެ. ކުރިން ރާއްޖެ އޮތީ 163 ވަނައިގައެވެ. ނަމަވެސް މިހާރު އެ މަގާމުގައި އޮތީ އަށް ދަރަޖައިގެ ކުރިއެރުމަކާއެކު ބޫޓާނެވެ.

ސަރަހައްދީ ޓީމުތައް މަޑުމަޑުން ކުރިއަރަމުންދާ ދަނޑިވަޅެއްގައި ދިވެހި ފުޓުބޯޅައިގެ ހުޅުކޮޅު މިވަނީ ރޯވަން ފަށާފައެވެ. މިއީ ރަނގަޅު ފެށުމެކެވެ. ދެން ބޭނުންވަނީ އިތުރު ކުރިއެރުންތަކާއި އަންހެން ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެވެ. ޒުވާން ޖޯޝާއެކު އަންހެން ކުޅުންތެރިން މި ތިބީ އަދިވެސް އިތުރު މުބާރާތްތަކަށް އެދިއެދި ފުޓުބޯޅައިން ކުރިޔަށްދާން ތައްޔާރަށެވެ.