ޚަބަރު

ނިމުނު ހަފުތާ: ރައްޔިތުންނާ ގާތަށް، ބޯހިޔާވަހިކަމާއި، މަސްވެެރިކަމަށް ހައްލު


  • މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވާފައިވަނީ ހޮނިހިރު ދުވަހު

  • ރައްޔިތުންނާ ބައްދަލުކުރެއްވުމަށް 3 ޖަލްސާއެއް ބޭއްވެވި

ނިމުނު ހަފުތާގައި ވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިންގާދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރ. ދުވާފަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމެވެ. (13 ޑިސެންބަރު) މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި މި ދަތުރުފުޅުގެ ތެރެއިން ރަައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ދުވާފަރުގެ ތަރައްޤީއާ ގުޅުން ހުރި މުހިއްމު މަޝްރޫޢުތަކެއް ވަނީ ފަށްޓަވާދެއްވާފައެވެ.

ދުވާފަރު ދަތުރުފުޅުގެ އުސްއަލިތައް:

- ދުވާފަރު މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާކުރުން
- ދުވާފަރު ބަނދަރު ބޮޑުކުރުމުގެ ޢަމަލީ މަސައްކަތް ފެށުން
- ދުވާފަރުގައި އިސްލާމިކް ބޭންކު އޭޓީއެމްގެ ޚިދުމަތް ފެށުން
- މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ފުރަތަމަ ޝެޑް ދުވާފަރުގައި ގާއިމްކުރުން
- ދުވާފަރުގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް އެޗްޑީސީއާއި ހަވާލުކުރުން
- ދުވާފަރުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން
- ދުވާފަރު ހޮސްޕިޓަލު އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން
- ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުން
- ދުވާފަރު ހިއްކި ބިމުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުން އެމްޑަބްލިއުއެސްސީއާއި ހަވާލުކުރުން
- ދުވާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވުން
- ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމަށް އެމްއޭސީއެލްއާއި ހަވާލުކުރުން
- ދުވާފަރު ބިންހިއްކުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުން

މަސްވެރިންގެ ދުވަހުގެ ޖަލްސާގެ އުސްއަލިތައް:

- މަސްވެރިންނަށް ފަސޭހައިން ފައިނޭންސް ލިބޭނެގޮތަށް "މަސްވެރިޔާ ޕޯޓަލް" އިފްތިތާޙުކުރުން
- އައިސް ޕްލާންޓްތަކުގައި އައިސް ލިބެން ހުރި މިންވަރު "ކެޔޮޅު އެޕް" މެދުވެރިކޮށް އޮންލައިންކޮށް ބެލޭނެ އިންތިޒާމް ހަމަޖެއްސުން
- ގިނައިރު ކިޔުގައި ނުޖެހި މަސްކިރުވުމަށް "މަސްކިރާ" އެޕްލިކޭޝަން އިފްތިތާޙުކުރުން
- މަސްވެރި އުފެއްދުންތަކުގެ ޤައުމީ ބްރޭންޑް "ފްރޮމް މޯލްޑިވްސް" ވެބްސައިޓް އިފްތިތާޙުކުރުން
- ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ހިމެނޭގޮތަށް މަސްކިރުވާ ބަނދަރެއް ތަރައްޤީ ކުރަން ހަވާލުުރުން
- "މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ އަމާޒު" ރައީސް ވިދާޅުވުން
- މަސްވެރިކަމުގެ ދާއިރާއަށް ޚިދުމަތް ކުރުމުގެ އިނާމު 32 ފަރާތަކަށް ދިނުން
- މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުން 4.5 ބިލިޔަން ރުފިޔާ އިންވެސްޓްކުރަން ނިންމުން
- މަސްވެރިކަމުގެ ދާއިރާއަށް ޞާބިރު ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރުން
- ކިލޯއަކަށްވުރެ މަތީގެ މަހަށްދޭ އަގު އިތުރުކޮށް، ތެޔޮ ވިއްކާ އަގަށް ހެޔޮ ބަދަލުގެންދުން

(18 ޑިސެންބަރު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅަށް 62 އިންސައްތަ ދިވެހިންގެ ތާއީދު އޮތް ކަމަށް ދިރާސާއަކުން ދައްކި ޙަބަރުވެސް ފާހަގަކޮށްލެވެއެވެ. މި ދިރާސާ ހަދާފައިވަނީ ބައިނަލްއަޤްވާމީ ޕޯލިންގް މިންގަނޑުތަކާއި އެއްގޮތަށް، ރާއްޖޭގައި މިފަދަ މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ބާނި ސެންޓަރ ފޮރ އިންޓަނޭޝަނަލް ޕޮލިސީންނެވެ.

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިން ފުލުހުންގެ ޚިދުމަތަށް އަންގަވައިފައިވަނީވެސް ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގައި އުޅެމުންދާ ބައެއް ބިދޭސީން ރޭގަނޑުގެ ދަންވަރު ވަގުތުގައި ރަށުތެރޭގެ ޢާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފަށް އުޅެމުންދާކަމުގެ ކަންބޮޑުވުން ލިބެމުންދާކަމަށެވެ. މަސައްކަތުންގެ ދަށުން ފުރަތަމަ ރޭ އެކަނިވެސް މާލެއިން 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ރައިސުލްޖުމްހުރިއްޔާ ރައްޔިތުންނާ ގާތަށް

މާލެ އެކި އަވަށްތަކުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލުކުރެއްވުމަށް ބައްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ނިމުނު ހަފްތާގައިތެރޭ ވަނީ ގަލޮޅު އަދި ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. (16 ޑިސެންބަރު) ގަލޮޅު ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުޑަ ދުވަސްކޮޅެއްގެތެރޭ 52 މަސާޖު ޕާލާ ބަންދުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި 1 ކޮޓަރީގެ ފްލެޓު ދޫކޮށްލުމުން 3 ކޮޓަރީގެ ފްލެޓު، ސްކީމްތަކަށް ކުރިމަތިލެވޭގޮތަށް ބަދަލު ކުރަން ނިންމެވިކަންވެސް ހާމަކުރެއްވީ މި ޖަލްސާގައެވެ.

ރައީސުލްޖުމްހުރިއްޔާ ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭއެވެ. (18 ޑިސެންބަރު) މި ބައްދަލުވުމުގައި ހިޔާ ފްލެޓުތަކުގެ މެއިންޓަނަންސްއަށް ދައްކަންޖެހޭ 2 ލައްކަ ރުފިޔާގެ ފީ މާފުކުރުމަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް އެބަދަލު އެގްރީމަންޓަށް ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ކުލިތައް ކުޑަކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވީ މި ޖަލްސާގައެވެ.

މީގެއިތުރުން ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. މި ބައްދަލުވުން ހާއްސަކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއަށް އެތެރެކުރާ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު އިތުރުކޮށް، މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކޮށްދޭނެ ކަމަށް ވިދާޅުވެއެވެ. އަދި އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މުދާ ވިއްކޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވީވެސް މި ބައްދަލުވުމުގައެވެ.

ހޯމް ސެކްޓަރގެ މުހިއްމު ނޫސްވެރިންގެ ބައްދަލުވުމެއް

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ދަށުން މަސައްކަތްކުރާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބުރާސްފަތި ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. (18 ޑިސެންބަރު) މި ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޚްމަދު ފަސީޙް އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ މަޢުލޫމާތުތައް ހިއްސާކުރައްވަމުން އެދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ މަސްދުވަހުން 509 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް އައިރު 202،000 ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޭސް ރިކޮގްނިޝަން ނަގާ އެމީހުންގެ މަޢުލޫމާތުތައް އެއްކޮށްފައިވާކަމަށެވެ.

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވަނީ ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް އިތުރުވަމުންދާކަމަށާއި، ބެލެނިވެރިން އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަމިއްލަ ފަރުދުން ގެންނަ މުދަލަށް އަމިއްލައަށް ޑެކްލަރޭޝަން ހުށަހެޅޭ ގޮތަށް ކަސްޓަމްސްގެ ޚިދުމަތްތައް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވިއެވެ.

ތަރައްޤީގެ ދާއިރާ

(14 ޑިސެންބަރު) ހުޅުމާލޭ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްއިން ވިދާޅުވީ ނިމުނު ހަފުތާގެ އާދީއްތަ ދުވަހުއެވެ.

ވިޔަފާރީގެ ދާއިރާ

(18 ޑިސެންބަރު) ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ 2 އޭޓީއެމް ބަހައްޓައި، ޚިދުމަތް ދޭން ފެށީ ނިމުނު ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. ހިޔާ ފްލެޓް ޓަވަރު 6 އަދި 7 ގެ ދެމެދުގައި ހުޅުވާފައިވާ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި އެކު ހިޔާގައި ތަރައްޤީކޮށްފައިވާ އޭޓީއެމުން ޑޮލަރުގެ ޚިދުމަތް ލިބިގެންދާނެއެވެ.

އެހެނިހެން ދާއިރާ

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، (14 ޑިސެންބަރު) ޔުނެސްކޯގެ އިންޓަރ ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަނުން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރުއާރުޕީ) ރާއްޖޭގައި ހިންގުމަށްޓަކާ މޯލްޑިވްސް ސުނާމީ ރެޑީ ބޯޑު އެކުލަވާލައިފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

(15 ޑިސެންބަރު) ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންގެ ސުލޫކީ މިންގަނޑު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޢާންމުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މީޑިއާ ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިން ޢަމަލުކުރަންޖެހޭ ގޮތުގެ ސުލޫކީ މިންގަނޑެއް ޢާންމުކުރުމަކީ މިއަހަރުގެ ތެރޭގައި ޢަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން ކުރަންޖެހޭ ކަމެކެވެ.

(17 ޑިސެންބަރު) ރަށުފެންވަރުގައާ ގައުމީ ފެންވަރުގާ މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް ދީފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އެކަމަށްޓަކައި ޔޫތު ހަބްގައި ބޭއްވި ހަފްލާގައެވެ.

(18 ޑިސެންބަރު) އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމާއި ގުޅޭ ކަންކަން ކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވަނީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އަދި ސައްޚަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކަކުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި ހުސައިންގެ ޝިފާއުގެ މައްޗަށް 7 މިލިޔަން ރުފިޔާގެ ޖޫރިމަނާއަކާއެކު 109 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވަނީވެސް ބުރާސްފަތި ދުވަހުއެވެ.