ޚަބަރު

ސްރީލަންކަން އެއާލައިންސްގެ ޚިދުމަތް އައު ޓާމިނަލަށް


  • ޓާމިނަލް 1 އިން މިހާރު 33 އެއާލައިނަކަށް ދަނީ ޚިދުމަތް ދެމުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ސްރީލަންކާގެ ގައުމީ އެއާލައިން, ސްރީލަންކަން އެއާލައިންސް އަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ސްރީލަންކަން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްރީލަންކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ރިޒްވީ ހަސަންއެވެ.

ރަސްމިއްޔާތުގައި ސްރީލަންކަން އެއާލައިންސްގެ ކަންޓްރީ މެނޭޖަރު ނަޔޯމީ ޓެނަކޫން އާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓާމިނަލް 1 އިން ސްރީލަންކަން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 115 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓަށް ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ސްރީލަންކަން އެއާލައިންސް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ސްރީ ލަންކާގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 1 ސެޕްޓެންބަރު 1979އެވެ.

ސްރީލަންކަން އެއާލައިންސް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 33 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.