ސިއްހަތު

އައިޖީއެމްއެޗުގެ ވެއިޓިންގ އޭރިޔާ އިތުރަށް ތަރަށްޤީކުރަނީ


އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗަށް ޒިޔާރަތްކުރާ މީހުން ހޮސްޕިޓަލްގައި ފަސޭހައިން މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމު ހަމަޖައްސަވަމުން އެބަގެންދަވައެވެ. އެގޮތުން ޑޮކްޓަރުންނަށް ދައްކަން ގޮސް މަޑުކޮށްލައިގެން ތިބުމަށާއި އެނޫން ބޭނުންތަކަށް އައި.ޖީއެމްއެޗަށް ޒިޔާރަތްކުރާ މީހުން މަޑުކޮށްލައިގެން ތިބޭ ވެއިޓިންގ އޭރިޔާތައް ބޮޑުކުރެއްވުމުގެ މަސައްކަތް އައި.ޖީ.އެމް.އެޗުން ވަނީ ފަށްޓަވާފައެވެ.

އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަކީ ރާއްޖޭގެއެކި ސަރަޙައްދުތަކުން ގިނައަދަދެއްގެ މީހުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ޒިޔާރަތްކުރާ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުން ދެއްވަމުން ގެންދަވާ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރައްވައި ފުޅާކުރެއްވުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް އެހޮސްޕިޓަލުން ގެންދަވަނީ ކުރައްވަމުންނެވެ.

އެގޮތުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ހިތްހަމަޖެހުމާއި، ފަސޭހައަށްޓަކައި އެ ހޮސްޕިޓަލުގެ ވެއިޓިންގ އޭރިޔާ ބޮޑުކުރައްވައި، އެއަރކަންޑިޝަން ކުރެއްވުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ. ހޮސްޕިޓަލްގެ ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު ރިޝްވާން ވިދާޅުވީ ޑޮކްޓަރުންނަށް ދައްކަންގޮސް މަޑުކޮށްލައިގެން ތިބޭ ސަރަޙައްދުތަކަކީ ހިތްހަމަޖެހޭ ސަރަޙައްދުތަކަކަށް ހެއްދެވުމަށް މަސައްކްތަ ކުރައްވަމުން ގެންދަވާ ކަމަށާއި،އެގޮތުން އޯޕީޑީ ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރިޝްވާން ވިދާޅުވިއެވެ. އައި.ޖީ.އެމް.އެޗްގެ އޯޕީޑީ އޭރިޔާއަކީ އެންމެ ގިނަމީހުން ބޭނުންކުރާ އެއް ސަރަޙައްދެވެ.

"އޯޕީޑީގެ ވެއިޓިންގ އޭރިޔާއަކަށް ވާނީ ކައުންޓަރާ ދިމާގައި ވަންނައިރު އޮންނަ ދިމާ.. އެދިމާ އަހަރުގެ ފަހުކޮޅު ނިންމޭނީ، ދެން އެމަޖެންސީގެ ވެއިޓިންގ އޭރިޔާވެސް މިއަހަރުގެ ނޮވެމްބަރު ޑިސެންބަރާ ހަމައަށް އަދި މަޑުކޮށްލަންޖެހޭ، އެހެން ނޫނިއްޔާ ގިނަ ހިސާބުގަނޑު އިރާދަކުރެއްވިއްޔާ ނޮވެމްބަރ ފެށެންވާއިރަށް ނިންމާލެވޭ ވަރުވާނެ." ޑެޕިއުޓީ ސީ.އީ.އޯ މުޙައްމަދު ރިޝްވާން ވިދާޅުވިއެވެ.

ނޭޝަނަލް ކާޑިއެކް ސެންޓަރގެ ވެއިޓިންގ އޭރިޔާއާއި އެމް.އާރ.އައި ވެއިޓިންގ އޭރިޔާގެ އިތުރުން ލެބޯޓްރީގެ ވެއިޓިންގ އޭރިޔާގެ މަސައްކަތް ނިންމައި، މިހާރު އަންނަނީ އެކަމުގެ ފަސޭހަ ޢާންމުންނަށް ލިބެމުންނެވެ. ވެއިޓިންގ އޭރިޔާ ތަރައްޤީ ކުރެއްވުމުގެ އިތުރުން ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތަކުން ބޭނުން ކުރަމުންގެންދާ ފާޚާނާތައް އަޕްގްރޭޑް ކުރެއްވުމުގެ މަސައްކަތްވެސް އެ ހޮސްޕިޓަލުން ގެންދަވަނީ ކުރައްވަމުންނެވެ.