ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާ މިރޭ ބައްދަލުކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ދިވެހި ވިޔަފާރިވެރިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، ފަށްޓަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން މިރޭ ބާއްވާ ބައްދަލުވުން ޚާއްސަކުރަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދަޢުވަތު ދިވެހި އެންމެހާ ކުދި އަދި މެދުފަންތީގެ ވިޔަފާރިންނަށް ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން އޮންނާނީ ސޯޝަލް ސެންޓަރުގައި މިރޭ 20:30ގައެވެ.
ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ވަނީ ދިވެހި މަސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ރޭ، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު، މާދަމާ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާނެއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ރައީސް ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ. އަދި އެކިއެކި ސިނާޢަތްތަކަށް ޚާއްސަކޮށްގެން ވެސް ރައީސް ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.