ފްރާންސްގެ ޕީއެސްޖީގެ ފޯވަޑް އޮސްމާނޭ ޑެމްބެލޭ އާއި ބާސެލޯނާގެ މިޑްފީލްޑަރު އައިޓާނާ ބޮންމާޓީ އަކީ ހުސްވި ސީޒަނުގެ މޮޅު ކުޅުންތެރިން ކަމަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ (ފީފާ)އިން ވެސް ނިންމައިފި އެވެ.
މިކަން އިއުލާނުކޮށް އެ ދެ ކުޅުންތެރިންނަށް ފީފާގެ ދަ ބެސްޓް އެވޯޑް ދިނީ ރޭ ގަތަރުގައި ބޭއްވި ފީފާ އެވޯޑް ހަފުލާގަ އެވެ.
އުމުރުން 28 އަހަރުގެ ޑެމްބެލޭ އަކީ ހުސްވި ސީޒަނުގެ ބަލޮންޑޯ އެވޯޑް ވެސް ހާސިލް ކުރި ކުޅުންތެރިޔާ އެވެ.
ކުރިން ބާސެލޯނާއި ބޮރޫޝިޔާ ޑޯޓްމުންޑަށް ކުޅުނު ފޯވަޑް ވަނީ ހުސްވި ސީޒަނުގައި ޕީއެސްޖީ އަށް ފްރެންޗް ކަޕާއި ފްރެންޗް ލީގާއި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްދީފަ އެވެ. އަދި އޭނާ ވަނީ ޕީއެސްޖީ އަށް މިހާތަނަށް ކުޅެދިން 53 މެޗުގައި 51 ގޯލު ޖަހައިފަ އެވެ.
ސްޕޭނުގެ ގައުމީ ޓީމަށް ކުޅެނިކޮށް ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަންކޮށް، މިވަގުތު ކުޅުމާ ދުރުގައި ހުރި ބޮންމާޓީ އަކީ ފީފާ ދެ ބެސްޓް އެވޯޑް މިދިޔަ ދެ އަހަރު ވެސް ހޯދި ކުޅުންތެރިޔާ އެވެ. ތިން ވަނަ ފަހަރަށް އޭނާ މި މަގާމު ހޯދި އިރު ބޮންމާޓީ އަކީ އަންހެން ކުޅުންތެރިންގެ ތެރެއިން ފާއިތުވެދިޔަ ތިން އަހަރު ބަލޮންޑޯ އެވޯޑް ހާސިލްކުރި ކުޅުންތެރިޔާ ވެސްމެ އެވެ. އޭނާ ވަނީ ބާސެލޯނާ އަށް މިދިޔަ ސީޒަނުގައި ދެ ތަށި ކާމިޔާބުކޮށްދީ އެ ޓީމު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ.