ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކެއްގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި ހުސައިންގެ ޝިފާއުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ 7 ދައުވާވެސް ސާބިތުވެއްޖެއެވެ.
ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު ނުވަތަ 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލާގައި ޝިފާޢު ހައްޔަރުުކުރީ 2023 ވަނަ އަހަރުުއެވެ. އޭނާގެ މައްޗަށް 23 ދައުވާއެއް ދައުލަތުން އުފުލާފައިވާއިރު އޭގެތެރޭގައި ހިމެނެނީ މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ އަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ އެކެވެ.
މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށް ކުރިން ކްރިމިނަލް ކޯޓުން އޮތީ ނިންމައިފައެވެ. ނަމަވެސް އެ ދައުވާތަކުގެ އަދަބެއް މިހާތަނަށް ކަނޑައަޅުއްވާފައެއް ނުވެއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ޝިފާއުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ. އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ދައުލަތުން އެދުނީ ކޮންމެ ދައުވާއެއްގައި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއަކާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަށް ފަސްކުރުމަށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝިފާއު އެދުމުން ގާޒީ ވަނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކޮށްފައެވެ. އަދި އެ ދުވަހު ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމުގެ މަރުހަލާ އެއްކޮށް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލާގައި ޝިފާއު ހައްޔަރު ކުރުމަށް ފަހު 2023 ވަނަ އަހަރު ބަންދުން ދޫކޮށްލުމުން އޭނާ ރާއްޖެ އިން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އިންޓަޕޯލް މެދުވެރިކޮށް އޭނާ ހައްޔަރުކުރަން ރެޑް ނޯޓިސް ނެރުމުން އޭނާ އެނބުރި ރާއްޖެ އައުމާއެކު އަލުން ހައްޔަރުކުރިއެވެ.