ޚަބަރު

ބޭސްފަރުވާގެ އެހީއަށް މިދިޔަމަހު އެންސްޕާއިން 35 މިލިޔަން ރުފިޔާ!


  • ރާއްޖޭގައި ބޭސްފަރުވާކުރުމަށް 20.5 މިލިޔަން ރުފިޔާ

  • ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް 14.5 މިލިޔަން ރުފިޔާ

  • އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް

ބޭސްފަރުވާގެ ޚަރަދުތައް ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަމަހު އެންސްޕާއިން 35.1 މިލިޔަނަަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އޮކްޓޫބަރު މަހު ޚަރަދުކުރިވަރަށްވުރެ ބޮޑު އަދަދެކެވެ. އޮކްޓޫބަރު މަހު ބޭސް ފަރުވާއަށް ޚަރަދުކޮށްފައިވަނީ 45.1 މިލިޔަން ރުފިޔާއެވެ.


އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހުވަނީ ބޭސް ފަރުވާއަށް 35.1 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ބޭސްފަރުވާކުރުމަށް ޚަރަދުކުރި 20.5 މިލިޔަން ރުފިޔާއާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ޚަރަދުކުރި 14.5 މިލިޔަން ރުފިޔާއެވެ.

ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ މަހު އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދީފައިވަނީ ކެންސަރު ބައްޔާއި ކަށީގެ ބަލިތަކާއި ވިހެއުމުގެ އިތުރުން ނޭވާލާ ނިޒާމްގެ އެކި ބަލިތަކަށެވެ. އެގޮތުން މިދިޔަ މަހު ކެންސަރު ބައްޔަށް ފަރުވާކުރުމަށް 135 ކޭސްއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ކަށީގެ އެކި ބަލިތަކުގެ ފަރުވާކުރުމަށް 130 ކޭސްއަކަށް މާލީ އެހީ ދީފައިވެއެވެ. އަދި ވިހެއުމާ ގުޅޭ 124 ކޭސްއަކާއި ނޭވާލާ ނިޒާމްގެ 112 ކޭސްއަކަށްވެސް އެންސްޕާއިން މިދިޔަމަހު މާލީ އެހީދީފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ، އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ބޭސްފަރުވާގެ އެހީއަށް މިދިޔަ މަހު 7.6 މިލިޔަން ރުފިޔާ ހަމަަޖައްސާފައިވެއެވެ. އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން އެހީއަށް އެދުނު 278 ކޭސްއަކަށް 4.5 މިލިޔަން ރުފިޔާ ހަމަޖައްސާދީފައިވެއެވެ.

އޭގެތެރެއިން 1.2 މިލިޔަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވަނީ ކަށީގެ ބަލިތަކުގެ 44 ކޭސްއަކަށެވެ. ދެވަނައަށް އެންމެ ގިނައިން އެހީ ދީފައިވަނީ ކުޑަކުދިންގެ ބަލިތަކަށެވެ. އެގޮތުން 19 ކޭސްއަކަށް 871،000 އަށް ވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ދީފައެވެ. މީގެއިތުރުން ވިހެއުމުގެ ތަފާތު 60 ކޭސްއަކަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލަށް 820،000 ރުފިޔާއަށް ވުރެ ގިނައިން އެންސްޕާއިން މިދިޔަ މަހު ދޫކޮށްފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިދިޔަ މަހު އެހީއަށް އެދުނު ތަފާތު 166 ކޭސްއަކަށް 3.05 މިލިޔަން ރުފިޔާގެ އެހީ އެންސްޕާއިން ފޯރުކޮށްދީފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އޭޑީކޭއިން ހޯދި ފަރުވާތަކުގެ ތެރެއިން އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ މައިބަދަ އާއި ނާރުގެ ބަލިތަކަށް ފަރުވާކުރުމަށެވެ. އެގޮތުން 17 ކޭސްއަކަށް އެންސްޕާއިން ވަނީ 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. މީގެ އިތުރުން ހިތުގެ އެކި ބަލިތަކުގެ ތަފާތު 16 ކޭސްއަކަށް 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.