ސިއްހަތު

"މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ" އެގްޒިބިޝަން


މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯގެ ނަމުގައި އެގްޒިބިޝަނެއް ބޭއްވުމަށް ނިންމައި، އެކަން އެމް.ވީ މެޑިކަލްސްއިން އިޢުލާން ކޮށްފިއެވެ. މި އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ މި އަންނަ ނޮވެމްބަރު މަހުގެ 24 ން 26 މެޑްލައިފް އޭޝިޔާއާއި ގުޅިގެންނެވެ.

މިކަން އިޢުލާން ކުރުމަށް މިއަދު ސަލްސާ ރޯޔަލްގައި ބޭއްވި ޙަފްލާއެއްގައި، އެމް.ވީ މެޑިކަލްސްގެ މެނޭޖަރ މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ޢަބްދުލް ޖަލީލް ޙުސައިން ވިދާޅުވީ، މި އެގްޒިބިޝަން ބޭއްވުމުގެ ބޭނުންތަކުގެ ތެރޭގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދްމަތްތައް ދޭނޭގޮތްތަކަށް ވިޔަފާރިތައް އަހުލުވެރި ކުރުވުން ހިމެނެއެވެ. އަދި ޞިއްޙީ ދާއިރާއިން ލިބެން ހުރި ޚިދްމަތްތަކަށް މުޖުތަމަޢު ހޭލުންތެރި ކުރުމާއި، ޞިއްޙީ ރަނގަޅު އާދަކާދަތަކާއި، އުޞޫލްތައް މުޖުތަމަޢަށް އަންގައިދޭ ފަސޭހަ ގޮތްތަކެއް ހޯދައިދިނުމާއެކު، ރައްޖެއަކީ މިޞަރަޙައްދުގައި ލިބެން ހުރި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ގޮތަކަށް މުޖުތަމަޢު އަހުލުވެރި ކުރުވުމަކީވެސް މި އެގްޒިބިޝަންގެ އަމާޒެއް ކަމުގައި ޖަލީލް ވިދާޅުވިއެވެ.

އެމްވީ މެޑިކަލްސްއިން މައްލޫމާތުދޭ ގޮތުގައި، ޞިއްޙީ ދާއިރާއާ ގުޅުން ހުރި ކޮންމެ ޚިދްމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.