އަންނަ އަހަރުގެ ހުރިހާ ދުވަހެއްގައި ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖައްސައި، ކައިވެނި ކޮށްދޭނެ ގަޑިތައް އެ ކޯޓުން އާންމުކޮށްފިއެވެ.
ރަސްމީ ދުވަސްތަކާއި ހުކުރު ހޮނިހިރު ފިޔަވައި ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން 11:30އަށެވެ. އަދި މެންދުރު 1 އިން 1:30އަށެވެ. އަދި ހަވީރު 3:00 އިން ރޭގަނޑު 9:30އާ ހަމައަށް ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައިވާ ގަޑިތައްވެސް ފެމިލީ ކޯޓުން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން އަންނަ އަހަރު ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައިވަނީ، ހަވީރު 3:00އިން ރޭގަނޑު 9:30އާ ދެމެދުގައެވެ.
މީގެއިތުރުން އެ ކޯޓުން ވަނީ، ހަފްތާ ބަންދުގައިވެސް ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށްފައެވެ. ހުކުރު ދުވަހު ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހަވީރު 3:00އިން ރޭގަނޑު 9:30އަށެވެ.
އަދި ހޮނިހިރު ދުވަހު ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ، ހެނދުނު 10:00 އިން ރޭގަނޑު 9:00އަށެވެ.
ފެމިލީ ކޯޓުން ވިދާޅުވީ، ރިސޯޓު ނުވަތަ ސަފާރީ ފަދަ ތަންތަނުގައި ކައިވެނިކޮށްދޭ ގަޑިތައް، އެކަަމަށް އެދި ހުށަހެޅުމުން ކޯޓުގެ ވަގުތުތަކާއި ހުށަހަޅާ ފަރާތްތަކުގެ ވަގުތުތަކަށް ރިޢާޔަތްކޮށް ހަމަޖައްސާނެ ކަމަށެވެ.
އަދި އަންނަ އަހަރުގެ ރަމަޟާން މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނި ކޮށްދޭނެ ގަޑިތައް ކޯޓުން ފަހުން އިއުލާނު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.