ޚަބަރު

އޮޑި އޮތީ މާޒިޔާއާއި ދާދި އެއްވަރެއްގައި: ގާސިއާ


  • ލީގުގައި އޮޑިން ވަނީ 8 މެޗުން މޮޅުވެފައި

  • 10 މެޗުން 25 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައިގައި އޮތް އޮޑިއަށް އަނިޔާގެ މައްސަލަތައް ބޮޑު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގައި އޮޑި ސްޕޯޓްސް ކުލަބު އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ދާދި އެއްވަރެއްގައި ކަމަށާއި އެކަން ދަމަހައްޓަން މަސައްކަތް ކުރާނެ ކަމަށް ކޯޗު އަންދްރޭސް ގާސިއާ ބުނެފިއެވެ.

ލީގުގެ ޕޮއިންޓް ތާވަލުގައި މާޒިޔާ އޮތީ 30 ޕޮއިންޓާއެކު އެއްވަނައިގައެވެ. އޮޑި އޮތީ 25 ޕޮއިންޓާއެކު ދެވަނައިގައެވެ.

ދެވަނަ ބުރުގައި އޮޑިން ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބު ކުރީ ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދައިގެންނެވެ. މި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ގާސިއާ ބުނީ އެމެޗުގައި އޮޑިއަށް އެންމެ ރަނގަޅަށް ނުކުޅެވުނު ކަމަށެވެ. އަދި ޓީސީއަށް އައު ކުޅުންތެރިން ގެނެސް އެ ކުލަބުގެ ފެންވަރު މަތިކޮށްފައިވާ ކަމަށެވެ.

ޓީސީ އަތުން ހޯދި މި މޮޅާއެކު ކުޅުނު 10 މެޗުން 25 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެވަނައިގައި އޮތް އޮޑިއަށް އަނިޔާގެ މައްސަލަތައް ބޮޑު ކަމަށާއި، އެހެންނަމަވެސް ހިތްވަރު އެލުވާނުލައި، ކުރިޔަށްދާނެ ކަމަށް ކޯޗު ބުންޏެވެ.

ދެވަނަ ބުރުގައި އުނދަގޫވާނެކަން ކުޅުންތެރިން ބުނެދެމުންއަންނަ ކަމަށާއި، ހުރިހާ އެންމެންވެސް ބޭނުންވާނީ މޮޅުވާން ކަމަށް ކޯޗު ފާހަގަކުރިއެވެ. އަދި އޮޑިއަށްވެސް އައު ކުޅުންތެރިން ގެނެސްފައިވާކަމަށާއި އެ ކުޅުންތެރިން ހޭނުމަށް ވަގުތު ނަގާނެ ކަމަށް ކޯޗު ބުންޏެވެ. ޓީސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ބައެއް ކުޅުންތެރިންނަށް އަނިޔާވެފައިވާކަންފާހަކުރަމުން ކޯޗު ބުނީ އެޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށާއި ހުސެއިން ނިހާން (ނިހާޓް)ގެ އަތް ބިންދައިގެން ގޮސްފައިވާކަމަށެވެ.

"އެކަމަކު އަހަރުމެން ކުރިޔަށް ދާން ޖެހޭނެ. އެންމެ ރަނގަޅު ކަމަކީ އަހަރުމެން ތާވަލުގެ ކުރީގައި އޮތުން. މާޒިޔާ ގޭމްވެސް އަހަރުމެންނަށް ފެނުން. ވަރަށް އުނދަގޫކޮށް ދިޔައީ އެމެޗު. އެމީހުން މޮޅުވީ އެންމެ ފަހު ވަގުތު. އޭގެ މާނައަކީ ވަރަށް އެއްވަރު ކޮންނޭ މިދަނީ ދެވަނަ ބުރުގައި" ގާސިއާ ބުންޏެވެ.

ގާސިއާ ބުނީ އޮޑިން ބޭނުންވަނީ ލީގުގެ މާޒިޔާއާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދިނުން ކަމަށެވެ. އަދި ތާވަލުގެ ކުރީގައި އޮތުމަށް އެ ކުލަބުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށްވެސް ގާސިއާ ބުންޏެވެ.

ދެން ލީގުގައި އެންމެ އަވަހަށް އޮޑިއަށް އޮންނާނީ 19 ޑިސެމްބަރުގެ ހަވީރު ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.