ކުޅިވަރު

ވެންޑައިކް އެދުނީ ސަލާހް ލިވަޕޫލްގައި މަޑުކުރަން


ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް އެ ކުލަބުގައި މަޑުކޮށްދިނުމަށް އެދި ކެޕްޓަން ވާޖިލް ވެންޑައިކް އެދެފި އެވެ.

އޭނާ މިހެން އެދުނީ ސަލާހާއި ކުލަބުގެ މެނޭޖްމަންޓާއި ހާއްސަކޮށް ކޯޗު އާނޭ ސްލޮޓާމެދު ނުތަނަވަސްކަން ބޮޑުވެ، އޭނާގެ ޖަރުބާތުތައް މީޑިއާ އަށް ބޭރުކޮށްލާފައިވަނިކޮށެވެ.

"އަހަރެންގެ ޒިންމާ އެއް ކެޕްޓަނެއްގެ ގޮތުން ކުޅުންތެރިން ކުރާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ. އަހަރެން ސަލާހް ކުރެން އެދުނީ އޭނާ ލިވަޕޫލްގައި މަޑުކުރަން. ސަބަބަކީ އޭނާ އަކީ މި ކުލަބުގެ ލީޑަރެއް. އޭނާ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އަހަރެން އިތުރަށް އޭނާއާ ދެއްކި ވާހަކަތައް ނުބުނާނަން. މިވަގުތު އޭނާ އެދަނީ އެފްރިކާ ކަޕަށް. އަހަރެން އެދެނީ އޭނާ އަށް ކާމިޔާބު ލިބުން،" ވެންޑައިކް ބުންޏެވެ.

ލިވަޕޫލާއި ސަލާހާ ދެމެދު ޖެހިފައިވާ މައިގަނޑު މައްސަލައަކަށް ވެފައިވަނީ އޭނާ އަށް ފުރަތަމަ 11އިން ޖާގަ ނުދިން މައްސަލަ އެވެ. މިކަމާ ހުރެ ސަލާހް ބުނީ ކޯޗާ އެއްކޮށް ގުޅުން ކެނޑިފައިވާ ކަމަށާއި ފާއިތުވެދިތަ ނުވަ އަހަރު ލިވަޕޫލްގައި އޭނާ ކުރި މަސައްކަތަށް ބަލާއިރު އޭނާ އަކީ ފުރަތަމަ 11އިން ޖާގަ ހޯދަން ވާދަކުރަންޖެހޭ ކުޅުންތެރިއެއް ނޫން ކަމަށެވެ. މިކަމާ ގުޅިގެން އޭނާ ޓީމުން ބެރު ކުރުމަށްފަހު އަލުން ކޯޗާ ވާހަކަ ދެކެވި އެންމެ ފަހުން ކުޅުނު މެޗުގައި ޓީމުގައި ވަނީ ހިމަނާފަ އެވެ.

ސަލާހްގެ މައްސަލަ ހައްލު ކުރަން ވެންޑައިކް ތެދުވިއިރު ކޯޗާއި ކުޅުންތެރިން ޖެހޭ މައްސަލަތައް ހައްލު ކުރަން އެންމެ އިސްކޮށް މަސައްކަތް ކުރަންޖެހޭ މީހަކީ ކެޕްޓަން ކަމަށް ލިވަޕޫލްގެ ކުރީގެ ކެޕްޓަން އަދި ކުލަބުގެ އެންމެ ވަރުގަދަ ލެޖެންޑް ސްޓީވަން ޖެރާޑް ވަނީ ބުނެފަ އެވެ.

ސަލާހް އެފްރިކާ ކަޕަށް ފަހު އަލުން ލިވަޕޫލަށް އަންނާނެކަން ޔަގީނެއް ނޫނެވެ. އޭނާ ގަތުމަށް ސައޫދީ އަރަބިއާގެ ކުލަބުތަކުން ތިބީ ތައްޔާރަށެވެ.