ޚަބަރު

ސިޓީ މޮޅުވެ ފަރަގު ކުޑަކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދުވާ ފަރަގު ކުޑަކޮށްފި އެވެ.

މި މެޗުން މެންޗެސްޓަރ ސިޓީ އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ލިބިފައިވާ 34 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލް އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީ އިން ލީޑު ނަގާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ކްރިސްޓަލް ޕެލަސް އަށް ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުގައި ޔެރެމީ ޕީނޯ ފޮނުވާލި ބޯޅަ އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.

މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ލީޑު ފުޅާ ކޮށްފައިވަނީ މެޗުގެ 69 ވަނަ މިނިޓުގައި ފިލް ފޯޑެން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ސިޓީ އަށް ލިބުނު ޕެނަލްޓީ އަކުން އާލިން ހާލަންޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑާއެކު މި ސީޒަނުގައި ހާލަންޑް ޖެހި ލަނޑުގެ އަދަދު ވަނީ 17 އަށް އަރާފަ އެވެ.

މެންޗެސްޓަރ ސިޓީ އިން އަންނަ ބުދަ ދުވަހު ކަރަބާއޯ ކަޕްގެ ކުއާޓަރ ފައިނަލުގައި ނިކުންނާނީ ބްރެންޓްފޯޑް އާއި ދެކޮޅަށެވެ.