ކުޅިވަރު

ނޭމާ އަށް އެއް އަހަރުގެ ކޮންޓްރެކްޓެއް


ބްރެޒިލްގެ ސަންޓޯސްއިން ނޭމާ ސަންޓޯ އަށް އިތުރު އެއް އަހަރުގެ ކޮންޓްރެކްޓެއް ދޭން ނިންމައިފި އެވެ.

ނަމަވެސް އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ކޮންޓްރެކްޓްގައި ސޮއި ކުރާނީ އޭނާގެ ފައި އޮޕަރޭޝަން ކުރުމަށްފަހު އެވެ.

ސައޫދީ ލީގުގައި ދެ އަހަރު ހޭދަކުރުމަށްފަހު މީގެ ހަ މަސް ކުރިން އަލުން ސަންޓޯސް އަށް ބަދަލުވި ނޭމާ ވަނީ މިހާތަނަށް 28 މެޗުން 11 ގޯލު ޖަހައިދީފަ އެވެ. ސަންޓޯސްގައި އޭނާގެ މި ފަހަރުގެ ދައުރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އަނިޔާގައި ހުރެ އެ ކުލަބަށް އެންމެ ފަހުގެ ދެ މެޗު ކުޅެދީ ރެލިގޭޓްނުވެ ސަލާމަތްކޮށްދިނުމުންނެވެ.

ސަންޓޯސްއިން ނޭމާ ލައްވައި އިތުރު އެއް އަހަރަށް ސޮއިކުރުވަން ނިންމިއިރު މިއީ އަންނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅޭ ބްރެޒިލް ޓީމުގައި ހިމެނުމަށް އޭނާ ކުރަމުންދާ އުއްމީދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ނޭމާ ބްރެޒިލް ޓީމުގައި ނުހިމަނާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

ގައުމީ ޓީމުގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ޓީމުގައި ނުހިމަނާ މައިގަނޑު ސަބަބަކީ ގާތްގާތުގައި އަނިޔާވުމެވެ. ހާއްސަކޮށް ސްޕޭނުގެ ބާސެލޯނާ ދޫކޮށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާގެ ކުޅުން ދަށްވެ އަނިޔާގެ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ.