ޚަބަރު

ދުވާފަރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި


  • މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވި

  • ދުވާފަރުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކެއް ފައްޓަވައިދެއްވި

މާޅޮސްމަޑުލު އުތުރުބުރި ދުވާފަރަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދުވާފަރުގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ އަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވިއެވެ. އެގޮތުން ރ. ދުވާފަރުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)ގެ އޭ.ޓީ.އެމްގެ ޚިދުމަތާއި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ބަހުގެ ޚިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އަމާޒުކޮށް ޤާއިމުކުރި ފުރަތަމަ ފިއުލް ސްކިޑްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. އަދި ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއަދު ދުވާފަރުގައި ދިވެހި ރުއް އިންދަވައިދެއްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ މަސްކެނޑުމުގެ މުބާރާތް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ކުރިއަށްގެންދެވި ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދު މެންދުރު، މަސްވެރިންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ މަޝްވަރާއާއި ހިޔާލުހޯއްދެވިއެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލުތަކެއް ގެނެސްދެއްވަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން އެފަރާތްތަކަށް އެމަނިކުފާނު ދެއްވާފައިވެއެވެ.

މަސްވެރިންގެ ދުވަސް ރަސްމީ ފެންވަރުގައި ފާހަގަކުރުމަށް ދުވާފަރުގައި މިއަދު ބޭއްވި ހަރަކާތްތަކަށްފަހު އެރަށުގައި ކުރިއަށްދިޔަ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ސަރުކާރުގެ ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ.