ލރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް އަނިޔާވެ އޮޕަރޭޝަނެއް ކުރަން
ޖެހިފައިވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިދިޔަ ބުރާސްފަތިދުވަހު މެންދުރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ، އަނިޔާއެއް ލިބިގެން ނޫންކަމަށާއި، އޭނާ އަމިއްލައަށް އެކަމަށް އެދިވަޑައިގަތުމުންކަމަށެވެ. އަދި އެކަމަށް އެދިވަޑައިގަތުމުން އޭނާ ޑޮކްޓަރަށް ދެއްކީ ކަސްޓޯޑިއަލްގައި އެވަގުތު އިންނެވި ޑޮކްޓަރު ބެއްލެވުމަށްފަހު ޑޮކްޓަރުގެ ލަފަޔާއެކު، އޮންނަ އުސޫލުގެ މަތިންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
"ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަން" ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މައުރޫފު މިހާރު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައިކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ފަރާތްތަކާ މެދު އަމަލުކުރުމުގަޔާއި އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާ އެއްގޮތަށް ހަރުދަނާ މިންގަނޑުތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ހިފަހައްޓަމުންކަންވެސް ފުލުހުން ފާހަގަކުރެއްވިއެވެ.
" ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ބޮޑު ސަމާލުކަމެއްދޭ ކަމެއް" ފުލުހުންގެ ބަޔާނުގައި ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ބަންދުގައި ތިބޭ ފަރާތްތަކުގެ ޒާތީ ކަންކަމާ ގުޅޭގޮތުން މީޑިއާގެ ތަފާތު މަންސަތަކުގައި ސައްހަނޫން މައުލޫމާތު ޝާއިއުކުރުމަކީ އާންމުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އޮންނަ އިތުބާރު ހީނަރުވެގެންދާނެ ކަމެއްކަމަށެވެ.އެހެންކަމުން، ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ހަގީގަތާ ހިލާފު މައުލޫމާތު ފެތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން ކުށްވެރިކުރަމެވެ. އަދި މިފަދަ އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.