ޚަބަރު

ކިލޯއަކަށްވުރެ މަތީގެ މަހަށް ދޭ އަގު އިތުރުކޮށް، މަސްވެރިންނަށް ތެޔޮ ވިއްކާ އަގަށް ހެޔޮ ބަދަލެއް


  • ކިލޯއަކަށްވުރެ މަތީގެ މަސް ގަންނަ އަގަށް ބަދަލުތަކެއް

  • ތެޔޮ ވިއްކާ އަގުވެސް ހެޔޮވާނެ

މަސްވެރިން ކިރުވާ މަހަށް ސަރުކާރުން ދެއްވާ އަގަށާއި، މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ބޮޑު ބަދަލެއް ގެންނެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރައްވައިިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރެއްވީ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މަސްވެރިންގެ ފަރާތުން އަންނަ އެންމެ ބޮޑު ޝަކުވާއަކީ ކިރުވާ މަހަށް ރަނގަޅު އަގެއް ނުލިބުމާއި އަގުހެޔޮކޮށް ތެޔޮ ނުލިބުމުގެ މައްސަލަކަމަށެވެ. އެކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިން ކިރުވާ މަހަށް އަގުދޭ އުސޫލަށް ބަދަލުތަކެއް ގެންނެވުމަށް މިހާރު ނިންމަވާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ މިފްކޯއިން މަސްގަންނަ އެންމެ މަތީ ރޭޓްކަމަށްވާ 16 ރުފިޔާއަށް ގަންނަނީ ދޮޅުކިލޯއިން ފެށިގެން މަތީގެ މަސްކަމަށެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، ކިލޯއަަކަށްވުރެ މަތީގެ މަސް ގަންނަ އެންމެ ދަށް ރޭޓަކީ 16 ރުފިޔާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެކުރިން އޮތްގޮތުން މަސް ގަންނަ އެންމެ މަތީ ރޭޓަކީ 16 ރުފިޔާނަމަވެސް، އުސޫލަށް ގެންނެވި ބަދަލާއެކު އެއަށްވުރެ ބޮޑު އަގުގައިވެސް މަސް ކިރުވުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

މަސް ގަންނަ ރޭޓުގެ އިތުރުން މިފްކޯ މެދުވެރިކޮށް މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. މަސްވެރިންނަށް ވިއްކާ ތެލުގެ އަގުން 51 ލާރި އަދި 3 ޓަނަށްވުރެ މަތިން މަސް ކިރާ ދޯނިތަކަށް 71 ލާރި އަގުހެޔޮކުރުމަށް މިހާރު ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިކަމުގެ ސަބަބުން ބައެއް ދޯނިތަކަށް ހާހެއްހާ ރުފިޔާ ސަލާމަތްވެގެންދާނެކަމަށެވެ.

"މާދަމާއިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އެވްރެޖުކޮށް 51 ލާރި އަގު ހެޔޮވާނެ، އެއީ 3 ޓަނަށްވުރެ މަތިން މަސްކިރާނަމަ 71 ލާރި އަގު ހެޔޮވާނެ، މަސްކިރާ ހުރިހާ ފަރާތްތަކަކަށް 13 ރުފިޔާ 90 ލާރިއަށް ތެޔޮ ވިއްކާނެ، 3 ޓަނަށްވުރެ ގިނައިން ކިރާނަމަ 13 ރުފިޔާ 72 ލާރިއަށް ތެޔޮ ލިބޭނެ، ޢާންމު ފަރާތްތަކަށް 14 ރުފިޔާ 43 ލާރިއަށް ތެޔޮ ގަންނަން ލިބޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން އެސްޓީއޯގެ ސްކިޑްތައް ކޮންމެ އަތޮޅެއްގައި ޤާއިމްކުރެއްވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ކުރާ މަސައްކަތުގައިވެސް މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަކީ މިސަރުކާރުގެ ސިޔާސަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ސިނާޢާތަކީ ދިވެހި އިޤްތިޞާދުގެ ލޭނާރުކަމުގައި އަލުން ހެދުމަކީ ސަރުކާރުން ތަންފީޒުކުރާނެ މުހިންމު ސިޔާސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށާއި، ޒުވާނުން ޝައުޤުވެރިވާ ދާއިރާއަކަށް މިދާއިރާ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންކަން ރާވާފައިވާކަމަށެވެ.

"އަޅުގަނޑު ބޭނުންވަނީ މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހިން މަސައްކަތްކުރާ ސިނާޢަތަކަށް އަލުން ހަދަން" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފްކޯއަށް ބޮޑުކަންނެލި ގަތުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ދަނީ ކުރިއަށްކަމަށާއި ވީ އެންމެ އަވަސް މުސްތަޤުބަލެއްގައި އެކަން ފެށޭނެކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން އެކަން ކުރެވޭނެ ގޮތަކަށް އެމަސައްކަތް ކުރިއަށްގެންދިއުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައިވާކަމަށާއި، އެ ހުރިހާ ވައުދެއް މި ދައުރުގެ ތެރޭގައި ފުއްދަވައިދެއްވާނެކަމަށެވެ.