ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ޑޮކްޓަރަށް ދައްކަވަމުން ދަނީ، ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މަޢުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން މިދިޔަ ބުދަ ދުވަހުއެވެ.
މަސްވެރިން ކުރަމުންދާ އިޙްތިޖާޖާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ މައްޗަށް ވަނީ 5 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ.
ފުލުހުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު، ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދެވިފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިފައިވަނީ، ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ޙާމަކުރައްވާފައެއް ނުވެއެވެ.
މިމަހުގެ 10 ވަނަ ދުވަހު މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން 3 ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް ފަހުން ވަނީ، އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާ، އެފަރާތްތަކާ ހަވާލުކޮށްފައެވެ.
މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްވެރިން ކުރަމުންދާ އިޙްތިޖާޖާ ގުޅިގެން ފުލުހުން ވަނީ، އިޙްތިޖާޖުގެ ބައިވެރިންނާ މުއާމަލާތްކޮށް، މި އިޙްތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށާއި، އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާތީ ނަސޭހަތްތެރިވެފައެވެ. އަދި މާލޭ ފަޅަށް ވަދެ ނުކުމެ ހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް ވަނީ ނަސޭހަތްތެރިވެފައެވެ.