ކުޅިވަރު

ސުޕަކަޕްގެ ނިޔަލަށް އަލޮންސޯ އަށް ވަގުތުދެނީ


ޖެނުއަރީ މަހު ކުޅޭ ސްޕެނިޝް ސުޕަކަޕްގެ ނިޔަލަށް ކޯޗު ޒަބީ އަލޮންސޯ އަށް ވަގުތު ދިނުމަށް ރެއާލް މެޑްރިޑުން ނިންމައިފިއެވެ.

ރެއާލް މެޑްރިޑުން މި ގޮތަށް ނިންމީ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، ނަތީޖާތައް ވަރަށް ބޮޑަށް ގޯސްވުމުން ކޯޗުކަމުން އަލޮންސޯ ވަކިކުރާނެ ކަމަށް ބެލެވިފައިވަނިކޮށެވެ. އަދި މިކަމާ އެ ކުލަބުގެ ބޯޑު މެމްބަރުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ޖެނުއަރީ މަހާ ހަމައަށް އޭނާ އަށް ވަގުތުދޭން ނިންމިއިރު މި މުއްދަތުގެ ތެރޭގައި ކޮޕާ ޑެލްރޭގެ މުހިންމު މެޗުތަކާއި ސްޕެނިޝް ލީގުގެ ވެސް މުހިންމު ތިން މެޗެއް ކުޅެން ޖެހޭނެ އެވެ. އަދި ސުޕަކަޕުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ވެސް ކުޅެން ޖެހުން އެކަށީގެންވެ އެވެ. އެއީ މުބާރާތުގެ ފައިނަލަށް ހިނގައްޖެނަމަ އެވެ.

ކުރިން ރެއާލް މެޑްރިޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިޔާ ކޯޗުކަމަށް ގެނައީ ހުސްވި ސީޒަނުގައި ތައްޓެއް ނުލިބުމުންނެވެ. ނަމަވެސް އަލޮންސޯއާއެކު މިހާތަނަށް ކުޅުނު މެޗުތަކުން އެކަށީގެންވާ ނަތިޖާތަކެއް ނެރެވިފައިނުވާއިރު ސީނިއާ ކުޅުންތެރިންނާ އޭނާގެ ގުޅުން ވަނީ ގޯސްވެފައި ކަމަށްވެ އެވެ. ބައެއް ކުޅުންތެރިން ވަނީ ސީދާ އޭނާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މީގެ ތެރޭގައި ފޯވަޑް ވިނީޝިއުސް ޖޫނިއާ ހިމެނެ އެވެ.

ނަމަވެސް އިއްޔެރޭ މެންޗެސްޓާ ސިޓީ އަތުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ކުޅުންތެރިން ތިބީ އަލޮންސޯއާއެކުގައި ކަމަށެވެ. އަދި އެންމެންވެގެން ނަތީޖާ ބަދަލު ކުރެވިދާނެ ކަމަށެވެ.

އަލޮންސޯ ވެސް މެޗަށް ފަހު ބުނީ އެ މެޗަކީ ވަރަށް ހަމަހަމަ މެޗެއް ކަމަށާއި މިހާރު ދަށްވެފައިވާ ނަތިޖާ މުޅި ޓީމު ގުޅިގެން ބަދަލު ކުރެވިދާނެ ކަމަށެވެ.

"އަހަރުމެން ވަރަށް މަސައްކަތް ކުރަން ޖެހޭ. ނަތީޖާތައް ހުރީ އެންމެ ރަނގަޅަކަށްނޫން. އެކަމަކު ކުޅުންތެރިން ވަރަށް މަސައްކަތް ކުރިތަން މި މެޗުން ވެސް ފެނިގެން ހިނގައްޖެ. އަހަރުމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މި ނަތީޖާތައް ބަދަލު ކުރެވިދާނެ ވަރަށް އަވަހަށް،" އަލޮންސޯ ބުންޏެވެ.