ޚަބަރު

ބަސެލް ބަލިކޮށް އެސްޓަން ވިލާ ތިންވަ އަށް


ޔޫރޮޕާ ލީގުގައި ރޭ ސްވިޒަލޭންޑްގެ ބަސެލް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކާމިޔާބުކޮށް ތާވަލުގެ ތިންވަނަ މަގާމް ހޯދައިފި އެވެ.

އެސްޓަން ވިލާ މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގު ފޭސްގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބިފައިވާ 15 ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ފްރާންސްގެ އޮލިމްޕިކް ލިއޯން އަށްވެސް 15 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ރަށުން ބޭރުގައި އެސްޓަން ވިލާ ކުޅުނު މި މެޗުގެ 12 ވަނަ މިނިޓުގައި އެވާން ގެސާންޑް ވަނީ ލަނޑެއް ޖަހާ އެސްޓަން ވިލާ އަށް ކުރި ހޯދަދީފަ އެވެ.

ނަމަވެސް ނަމަވެސް މެޗުގެ 34 ވަނަ މިނިޓުގައި ބަސެލްގެ ފްލޭވިއަސް ޑެނިލީކް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން އެސްޓަން ވިލާ މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔޫރީ ޓިއެލެމަންސް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައި ކުޅެން އެރިތާ އަށްވަނަ މިނިޓުގަ އެވެ.

އެސްޓަން ވިލާ މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފަ އެވެ. މިއީ 1914 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގައި އޮވެ އެސްޓަން ވިލާ އަށް ހޯދިފައިވާ އެންމެ ރަގަޅު ނަތީޖާ އެވެ.

އެސްޓަން ވިލާ އިން އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ނިކުންނާނީ ވެސްޓްހޭމް ޔުނައިޓެޑް އާއި ދެކޮޅަށެވެ.