ޚަބަރު

އެސްއީޒެޑް ޓައުންޝިޕް: ފެށިގެންދަނީ އިޤުތިޞާދުގެ އައު ބާބެއް


  • އެސްއީޒެޑްގެ އައު އިސްލާހުގެ ދަށުން ޓައުންޝިޕެއް ތަރައްޤީކުރުމުގެ ހުއްދަވަނީ ދީފައި

  • މި ޓައުންޝިޕް މަޝްރޫޢާއެކު އިޖުތިމާޢީ އަދި އިޤުތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޚާއްސަ އިޤުތިޞާދީ ސަރަހައްދާއި ބެހޭ ޤާނޫނެއް ވުޖޫދުވީ 2014 ވަނަ އަހަރުއެވެ. މި ޤާނޫނާއެކު ކަނޑައެޅޭ ވަކި ސަރަހައްދެއްގައި އިންވެސްޓްކުރުމުގެ މަގު ބޭރުގެ މަހުޖަނުންނަށް ފަހިވެގެންދިޔައެވެ. މިއީ ތަފާތު ސިނާޢަތްތައް ކުރިއަރުވައި، ރައްޔިތުންގެ އަތްމަތި ތަނަވަސްވެ، ވަޒީފާގެ ފުރުޞަތުތައް ފަހިވެ، ތަޢުލީމީ ޤާބިލު ރައްޔިތެއް އުފެއްދުމަށް އޭރު އޮތް ސަރުކާރުން ފަހިކޮށްދިން ފުރުޞަތެކެވެ.

މި ޤާނޫނު ވުޖޫދުވެގެން އައުމާއެކު އޭރު ބައެއް އިންވެސްޓަރުންގެ ޝައުޤުވެރިކަން ވެސް ރާއްޖެއަށް ލިބުނެވެ. ސަޢުދީ ޢަރަބިއްޔާގެ ބޮޑު ކުންފުންޏަކުން ފ. އަތޮޅުގައި ބޮޑު ޕްރޮޖެކްޓެއް ހިންގަން ޝައުޤުވެރިކަން ފާޅުކުރިއެވެ. ނަމަވެސް މި ޕްރޮޖެކްޓަށްވީ ކިހިނެއްކަމެއް މާބޮޑަކަށް އެނގެން ނެތެވެ. މި އިންވެސްޓްމެންޓް ރާއްޖެއަށް ލިބެން އުޅޭކަން އެނގުމާއެކު އޭރު އިދިކޮޅުގައި އޮތް މައި ޕާޓީ އެމްޑީޕީން ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާޙައުލެއް ނޫންކަމަށް ދެއްކި ދެއްކުން ވެގެންދިޔައީ އެ އިންވެސްޓްމަންޓް ރާއްޖެއަށް ގެއްލުނު ސަބަބުކަމަށް އޭރު އެސްއީޒެޑް ބިލު ފާސްކުރުމުގައި މުހިންމު ދައުރެއް އަދާކުރި 18 ވަނަ މަޖިލީހުގެ މެންބަރުން ވިދާޅުވެއެވެ.

2018 ވަނަ އަހަރު ޕީޕީއެމްގެ ވެރިކަން ނިމި، އަނެއްކާ ވެސް އައު ޕާޓީއަކަށް ދިވެހި ޒަޢާމަތު ފުރޮޅިގެންދިޔައިރު، އެ ހޭދަވި 5 އަހަރު ދުވަހުގެ ތެރޭގައި އެސްއީޒެޑް ޤާނޫނުގެ މަޤުޞަދު ޙާސިލުކުރަން މާބޮޑު މަސައްކަތެއްކޮށްފައިވާ ތަނެއް ފެނިފައި ނުވެއެވެ. އިންވެސްޓްމަންޓުގެ އާރޯކަމުގެ ބަދަލުގައި ފެނިގެންދިޔައީ އާމްދަނީ ލިބޭނެ ގޮތެއް ނެތި ރާއްޖޭގެ ދަރަނި އިންތިހާއަށް އުފުލުނު މަންޒަރުކަން އެއީ އިޤުތިޞާދީ މާހިރުން ވެސް ފާހަގަކުރައްވާ ކަމެކެވެ.

އެ ވެރިކަން ނިމި، އައު ޒަޢާމަތަކަށް ދިވެހި ޒަޢާމަތު ބަދަލުވެގެންދިޔައީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެން ހިސާބުންނެވެ. އެމަނިކުފާނު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވަމުން ގެންދަވާ އެއް މަސައްކަތްޕުޅަކީ ދިވެހި އިޤުތިޞާދު ސިންދަފާތުކުރެއްވުމެވެ. ދިވެހިންނަކީ ފުދުންތެރި، އަތްމަތި ތަނަވަސް ބަޔަކަށް ހެއްދެވުމެވެ. މި މަސައްކަތުގެ ދަށުން ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ދިވެހި އިޤުތިޞާދު މުއްސަނދިކުރެއްވުމަށް ފެށްޓެވި ކަމަކީ 2014 ވަނަ އަހަރު އެކުލަވާލި އެސްއީޒެޑްގެ ޤާނޫނު އިޞްލާޙުކޮށް، އިންވެސްޓަރުންނަށް ކުރިއަށްވުރެ ވެސް ބޮޑަށް ރާއްޖެ ފަހިކުރުމެވެ.

އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ހޯދައިދީ، އިންވެސްޓްކުރާ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ތަރައްޤީ ހޯދައިދެވޭ ގޮތަށް މިސަރުކާރުން ގެނައި އިޞްލާޙަކީ ޤާނޫނު ވުޖޫދުވިތާ 11 އަހަރު ފަހުން ގެނައި ފުރަތަމަ އިސްލާހުކަން ވެސް ފާހަގަކޮށްލެވެއެވެ. މި އިސްލާހުގެ ދަށުން ދެމެހެއްޓެނިވި ގޮތެއްގައި ޓައުންޝިޕެއް ތަރައްޤީކުރުމަށް ރާއްޖޭގައި އިންވެސްޓްކުރެވިދާނެއެވެ. މި ތަނުގައިކުރާ އިންވެސްޓް 500 މިލިޔަން ޑޮލަރަށްވުރެ ބޮޑުވެފައި، އިންވެސްޓްކުރާ ސަރަހައްދުގައި ޢާންމު ޚިދުމަތްތަކާއި އިޢާދަކުރަނިވި ހަކަތައާއި ބައިނަލްއަޤުވާމީ ފެންވަރުގެ ސިޓީ ހޮޓަލެއް ނުވަތަ ހޮސްޕިޓަލެއް އެތަނުގައި އަޅަންޖެހޭކަމަށް އިސްލާހުގައި ފާހަގަކޮށްފައިވެއެވެ. އެއާއެކު ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވެފައިވާ، އެ ތަނެއްގައި އިންވެސްޓްކުރެވޭ ސަރަހައްދު ޢުމްރާނީ އަދި އިޤުތިޞާދީ ގޮތުން ވަރަށް ބޮޑަށް ކުރިއަރާނެހެން ޓައުންޝިޕްތަކެއް ތަރައްޤީކުރުމަށް މިވަނީ އިސްތިހާރުކުރެވެން ފަށާފައެވެ.

އެސްއީޒެޑްގެ ޤާނޫނަށް އިޞްލާޙު ގެނައި ފަހުން ފުރަތަަމަ ފަހަރަަށް ދެމެހެއްޓެނިވި ޓައުންޝިޕްއެއް ތަރައްޤީކުރުމުގެ ހުއްދަ ބޭރުގެ ބަޔަކާ ރަސްމީކޮށް ހަވާލުކުރީ ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އެއީ ކްރިސްޓަލްސް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން ވަނީ ޤާނޫނުތައް އިޞްލާޙުކޮށް އިންވެސްޓަރުންނަށް ހޯދައިދިން ފަހި ލުއިތަކާއެކު ރާއްޖޭގައި އިންވެސްޓްކުރުމުގެ ދޮރު ވަރަށް ބޮޑަށް ހުޅުވިފައިވާކަން ފާހަގަކުރައްވާފައެވެ. ކްރިސްޓަލް ހޯލްޑިންގްސްގެ ފަރާތުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ދެމެެހެއްޓެނިވި ޓައުންޝިޕް ތަރައްޤީކުރާނީ ނ.އަތޮޅުގައެވެ.

މި ޓައުންޝިޕް ތަރައްޤީކުރާއިރު، ބައިނަލްއަޤުވާމީ ފެންވަރުގެ ވެލްނަސް އަދި މެޑިކަލް ފެސިލިޓީއަކާއި ބައިނަލްއަޤުވާމީ ފެންވަރުގެ ތަޢުލީމުދޭ މަރުކަޒެއް ޤާއިމުކުރާނެއެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން ދަނޑުހެއްދުމަށް ރަށެއް ކަނޑައަޅައި، އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑު ހެއްދުމުގެ ޚާއްސަ މަޝްރޫޢެއް ވެސް ފެށޭނެއެވެ. މި ޓައުންޝިޕްގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ.

މި ޓައުންޝިޕް ތަރައްޤީކުރުމުގެ މަޝްރޫޢަށް ހުއްދަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ މި މަޝްރޫޢާއެކު ސިންދަފާތުވެފައިވާ، ވިލުންތެރި، އީޖާދީ ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ޙާސިލުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ އިޤުތިޞާދީ ގޮތުން ކުރިއެރުމަށް ކުރީގެ ސަރުކާރުތަކުން ނުކޮށް، ސޮއްސާލާފައި އޮތް އެތައް ކަމެއް މި ސަރުކާރުން ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި މި ޚާއްސަ އިންވެސްޓްމަންޓް ރާއްޖެއަށް ލިބުމަކީ އިންވެސްޓަރުންނަށް ލުއިތައް ހޯދައިދީ، ޤާނޫނު އިސްލާޙުކޮށް، އިންވެސްޓަރުން ހިތްހަމަޖެހޭގޮތަށް އެހެން ޤައުމުތަކުގައި ވެސް މި ނިޒާމު އޮންނަ ގޮތަށް ކުރެވުނު މަސައްކަތްތަކާއެކު އިންވެސްޓްމެންޓް ފޯރަމްތަކުގައި އިސްތިހާރުކުރުމަށް ކުރި ކާމިޔާބު މަސައްކަތުގެ ނަތީޖާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޤާނޫނު އިޞްލާޙުކޮށް، ފުރަތަމަ ފަހަރަށް ރާއްޖޭގައި ދެމެހެއްޓެނިވި ޓައުންޝިޕެއްް ތަރައްޤީކުރުމުގެ މަލަމަތީގައި މިހާރު ތިބިއިރު، މި މަޝްރޫޢުތައް ވެގެންދާނީ އިޖުތިމާޢީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ދިވެހި ޤައުމަށްކުރާނެ މަޝްރޫޢުތަކަކަށެވެ. މީގެ ސަބަބުން ވަޒީފާގެ ފުރުޞަތުތައް އުފެދި، ޢާންމު ޚިދުމަތްތައް ޤާއިމުވެ، ތަޢުލީމާއި ތަމްރީންވުމުގެ ފުރުޞަތުތައް ފަހިވެ، ވަށައިޖެހޭ ތަރައްޤީ ރާއްޖެއަށް ގެނައުމަށް މަގުފަހިވާނެއެވެ. މިއީ ސީދާ ރައްޔިތުންނަށް ފައިދާކުރާނެ، ދެމެހެއްޓެނިވި ގޮތެއްގައި މުޅި ޤައުމުގެ އިޤުތިޞާދީ ދުވެލި ހަލުވިކޮށްދޭނެ މަޝްރޫޢުތަކެކެވެ.