ޚަބަރު

ޖަޕާނާއި ގުޅިގެން ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް މަޝްވަރާ ކުރައްވައިފި


  • މަޝްވަރާ ކުރެއްވީ ވަޒީރު ރާފިޢު އާއި ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު މަހްލޫފްއާ ދެބޭފުޅުން

  • ކުޅިވަރު ކުރިއެރުވުމަށް ޖަޕާނުގެ އިދާރާތަކާ ގުޅިގެން އެހީވެދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި

ޖަޕާނުގެ ކުޅިވަރު ވުޒާރާއާއި އެކި އިދާރާތަކާ ގުޅިގެން ދިވެހި ކުޅުންތެރިންނާއި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިކަމާގުޅޭ ގޮތުން މަޝްވަރާ ކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ދާދިފަހުން ޢައްޔަނުކުރެއްވި އަޙުމަދު މަހްލޫފްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. ބުރާސްފަތި ދުވަހު ކުޅިވަރު ވުޒާރާގައި ބޭއްވެވި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީވެދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ކުރީގެ ކުޅިވަރު ވަޒީރު އަދި މިހާރު ޖަޕާނަށް ކަނޑައަޅުވާފައިވާ ސަފީރު މަހްލޫފް ވަނީ ޖަޕާނާއި ގުޅިގެން ކުޅިވަރުގެ ދާއިރާއިން ހާސިލުކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވަޒީރުގެ އަރިހުން އޮޅުންފިލުއްވާފައެވެ. އަދި މަހްލޫފްގެ ސަފީރުކަމުގައި ދެގައުމުގެ ކުޅިވަރު ވުޒާރާ މެދުވެރިކޮށް ގުޅުން ބަދަހި ކުރުމާއި ރާއްޖޭގެ އެތުލީޓުންނާއި ކުޅިވަރު ދާއިރާއިން މީހުން ބިނާ ކުރުން ފަދަ މުހިންމު ދާއިރާތަކަށް ޖަޕާނުން އެހީ ހޯދިދާނެ ގޮތްތަކާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ވަޒީރު ވަނީ ކުޅިވަރުގެ ދާއިރާއިން ހާސިލުކުރަން ބޭނުންވާ މުހިންމު ކަންކަން މަހްލޫފާއި ހިއްސާ ކުރައްވާފައެވެ. އަދި ދެގައުމުން އެއްބާރުލުން ދެވިދާވެ ކުޅިވަރުގެ ދާއިރާތަކާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކުޅިވަރުގެ މީހުން ބިނާ ކުރުމާއި ވަސީލަތްތައް ބިނާ ކުރުމާއި ގުޅޭ ގޮތުން މިއަހަރުގެ ކުރީކޮޅު ކުޅިވަރު ވަޒީރު ވަނީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކުވެސް ބައްދަލުވުމެއް ބާއްވާފައެވެ. މީގެ އިތުރުން ކުޅިވަރުގެ ތަރައްޤީއަށް ހިންގާ އެކި ޕްރޮގްރާމުތަކުގައި މިހާރުވެސް ޖަޕާނުން ބައިވެރިއެވެ.

އެގޮތުން ރާއްޖޭގެ ކޯޗުންނާއި އޮފިޝަލުންނަށް ހިންގާ ޕްރޮގްރާމުތަކު ކިޔަވައި ދެއްވުމަށް ޖަޕާނުގެ ތަޖުރިބާކާރުން ރާއްޖޭގައި އެކި ފަހަރު މަތިން ހަރަކާތްތެރިވެފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސް ޖަޕާނުގައި ބާއްވާއިރު ރާއްޖޭގެ އެތުލީޓުންނަށް ފަހި އިންތިޒާމުތަކެއް ހަމަޖެއްސުމާއި ގުޅޭ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި އެކު ޖަޕާނުން އަންނަނީ މަޝްވަރާތައް ބާއްވަމުންނެވެ.