ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރު މައްސަލަ: ވަޙީދާއި، ޢާރިފު ޝަރުތުތަކަކާއެކު ދޫކޮށްލައިފި


  • މި މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރަން ހުށައަޅާފައިވޭ

  • 3 މީހަކު ޝަރުތުތަކަކާއެކު ބަންދުން ވަނީ ދޫކޮށްލާފައި

  • އެހެންކަމުން މިހާރު ބަންދުގައި ތިބީ 7 މީހުން

  • ޕީޖީއަށް ދަޢުވާކުރަން ހުށައެޅިއިރު، އެކަކު ހުރީ ބަންދުގައެއް ނޫން

މިދިޔަ އޭޕްރީލް މަހުގެ 26ވަނަ ދުވަހު ސިނގިރޭޓް ކޮންޓެއިނަރުތަކެއް ވަގަށް ނެގި މައްސަލާގައި ބަންދުކުރި މުޙައްމަދު ވަޙީދާއި، އަޙްމަދު ޢާރިފް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށްނަގާފައިވާ މައްސަލާގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި މިމަހުގެ 3 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މި މައްސަލާގައި ދަޢުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށައަޅުއްވާނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޕީޖީ އޮފީހަށް މައްސަލައެއް ހުށައަޅައިތާ 15 ދުވަހުގެ ތެރޭގައި ދަޢުވާކުރަން ފޮނުވަންވާނެއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި އެ މީހުންގެ މައްޗަށް ކުރެވެންހުރި ދަޢުވާތަކާއި ކަނޑައެޅެން އޮތް އަދަބަށް ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މުރާޖަޢާކޮށްފައިވާ ކަމަށެވެ. އެގޮތުން މި ކުށުގެ ޢަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އަދި ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މީހުން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމަވާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މުޙައްމަދު ވަޙީދާއި އަޙްމަދު ޢާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށެވެ. އަދި ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ އޭނާއަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

މިހާރު ބަންދުގައި ތިބި މީހުން:

• ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލް
• ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމް
• ހ. ރުމޭނިޔާ، އަޙްމަދު ފިރުސާން
• ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙު
• ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދު
• ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ
• ހ. ނިއުހެޕިނަސް، މުޢާޛު ޢަލީ

ޕީޖީ އޮފީހުން ވިދާޅުވީ ބަންދުގައި ތިބި މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާނެ ކަމަށެވެ. އެއީ އެ މީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލާގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާ މެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާނަމަ އެ މީހުންގެ ބަންދު މުރާޖަޢާކުރާނެ ކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލާގައި 11 މީހުން ބަންދުކުރިއިރު، ޕީޖީއަށް ދަޢުވާކުރަން ހުށައެޅިއިރު، މުޙައްމަދު ޝަރީފް ބަންދުގައި ނެތުމުން އޭނާ ބަންދު މުރާޖަޢާކޮށްފައި ނުވާ ކަމަށެވެ.

ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މުޢާޒް ޢަލީ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސް ސުޕްރިޓެންޑެންޓް ޒިވާރު އިސްމާއިލް ހިމެނެއެވެ.