ޚަބަރު

ވައި ނުސާފު، ކުރިއަށްއޮތް ހަފުތާގައިވެސް ދުންފުހުގެ އަސަރުކުރާނެ


  • ދުންފުހުގެ ސަބަބުން އަސަރުކުރަމުންދަނީ އުތުރާއި މެދު ރާއްޖެތެރެއަށް

  • ދުރު ފެންނަ މިންވަރު މިވަގުތު ހުރީ 5 ކިލޯ މީޓަރުގައި

ކުރިއަށް އޮތް ހަފުތާގައި ދުންފުހުގެ އަސަރުކޮށް، ލޮލަށް ފެންނަ ދުރުމިން ދަށްވާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދުންފުހުގެ ސަބަބުން އުތުރާއި މެދު ރާއްޖެ ތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ދަށްވެފައިވާ ކަމަށެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ވެސް ދުންފުހުގެ އަސަރުކުރާނެކަމަށް ބެލެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.

ދުރު ފެންނަ މިންވަރު ނުވަތަ ވިސިބިލިޓީ މިވަގުތު ހުރީ، 5 ކިލޯ މީޓަރުގައެވެ. މެޓު އޮފީހުން ވިދާޅުވީ، މީގެކުރީގެ ބައެއް އަހަރުތަކުގައި 5000 މީޓަރު އަދި ބައެއް ފަހަރު 4000 މީޓަރަށްވެސް ދަށަށް ގޮސްފައި އެބަހުރި ކަމަށެވެ.

މިދިޔަ އަހަރުވެސް އިރުވައި މުސޫމާއި ކައިރި ދުވަސްވަރު، ރާއްޖޭގައި ދުރު ފެންނަ މިންވަރު ދަށަށް ގޮސްފައިވެއެވެ.