ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ވަޒީފާގެ ފުރުޞަތު ދީފިއެވެ.
މިމީހުންނަށް ވަޒީފާގެ ލިޔުން ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ސްޓެލްކޯއިން މީގެ ކުރިންވެސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ދީފައެވެ. މިއަދާހަމައަށް އައިރު ނުކުޅެދުންތެރިކަން ހުނަ 50 މީހުން އެ ކުންފުނީގައި އަންނަނީ ވަޒީފާ އަދާކުރަމުންނެވެ. އަދި މިއަދު ވަޒީފާގެ ފުރުޞަތު ދިން 30 މީހުންނާއެކު އެއަދަދު ވަނީ 80 އަށް އަރާފައެވެ. މިއަދު ލިއުން ދީފައިވަނީ އެކުންފުނިން ޚިދުމަތް ދެމުން އަންނަ 20 ރަށުން ވަޒީފާ ލިބުނު މީހުންނަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ޤައުމު ތަރައްޤީކުރުމުގެ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގައި ސްޓެލްކޯއަކީ ނަމޫނާ ކުންފުންޏެއްކަމަށެވެ.
" އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މި ކުންފުނީގައި ވަޒީފާ އަދާ ކުރާ އަދަދު އިތުރުވުމަކީ ކުރިއެރުމެއް. މިއަދު މި ހަވާލުކުރެވުނީ ސްޓެލްކޯއިން ޚިދުމަތް ދޭ 20 ރަށަކުން ހޮވާލެވިފައިވާ މީހުންނަށް." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަމާޙް ރަޝީދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުގެ އެކި ކުންފުނިތަކުން އަންނަނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެމުންނެވެ. އެގޮތުން މިވީ ދެ އަހަރުގެ ތެރޭގައި 300 އަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަނީ ވަޒީފާގެ ފުރުޞަތު ދީފައެވެ.
ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ 30 މީހަކަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހާދިސާއަކާ ގުޅިގެން ފަރުވާދެމުންދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލްގެ ހަނދާނުގައި ސުކޫތެއް ގެނެސްފައެވެ.