މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 12ވަނަ ދުވަހު އޭރު 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް 2.8 މިލިޔަން ޑޮލަރުގެ އެހީއެއް ޗައިނާ ސަރުކާރުން ދެއްވައިފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އޭރު 3 ވުޒާރާއެއް ހިންގަމުން އައި އިމާރާތްތަކުގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.
އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިން 2.8 މިލިޔަން ޑޮލަރު ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮޮންގް ޒިންހުއާއެވެ. ސަރުކާރުގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ. ޗައިނާ ސަރުކާރުން ދެއްވި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެއެވެ.
އެހީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މި އެހީތެރިކަން، ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ޢުމްރާނީ ގޮތުން އެނޫންވެސް ދާއިރާތަކަށް ޗައިނާއިން ރާއްޖެއަށް ދޭ އެހީތެރިކަމާއި ދޭ އެއްބާރުލުން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުތަކާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރެއްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮތް އިތުބާރު އިތުރުވެ، އެ ގުޅުން ފުޅާވެފައިވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ޗައިނާއިން ދިން އެހީތެރިކަމަށް ޝުކުރުއަދާކޮށް، ދެ ޤައުމަށް ވެސް ފައިދާވާނެ ގޮތަށް ޗައިނާއާ އެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތްކުރައްވާނެކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ އިމާރާތް ކުރިމަތީގައި ހުރި އިމާރާތުގައި އަލިފާން ރޯވިއިރު، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި އިމާރާތްކުރުކާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންދިޔައީ އެ އިމާރާތުގައެވެ. އަދި އެ އިމާރާތާ ޖެހިގެން ހުރި ގްރީން ބިލްޑިންގައިވެސް އަލިފާން ރޯވިއެވެ. އެތަނުގައި ހިންގަމުންދިޔައީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއެވެ. މި ވުޒާރާތަކާއި އިދާރާގެ މަސައްކަތްތައް މިވަގުތު ކުރަމުންދަނީ ދަރުބާރުގޭގައެވެ.