ޚަބަރު

މަގުމައްޗަށް އަޅާފައިހުރި ގިނަ އަދަދެއްގެ ކުނިތަކެއް ސާފުކޮށްފި


މާލޭގެ މަގަކަށް އަޅާފައިހުރި ގިނަ އަދަދެއްގެ ކުނި ސަރުކާރުގެ މުވައްސަސާތަކުން މީހުން ފޮނުއްވައިގެން ސާފުކުރައްވައިފިއެވެ. 

ހެންވޭރު ކަޅުހުރާ މަގުގައި އޮންނަ ގޯޅިއަކަށް އަޅާފައިވާ ގިނަ އަދަދެއްގެ ކުނި އެންވަޔަރަމަންޓް މިނިސްޓްރީއާއި ނޭޝަނަލް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން، ހައުސިންގ މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިވަޑައިގެން ވަނީ ނަންގަވައި އެސަރަޙައްދު ސާފުކުރައްވާފައެވެ. އެ ސަރަޙައްދު ސާފުކުރައްވަން ޖެހުނީ އެތަނަށް ގިނަ އަދަދެއްގެ ކުނި އަޅާފައި ހުންނަތާ ގިނަ ދުވަސްތަކެއްވެ، އެކުނިތަކުގެ ތެރޭގައި މީދަލާއި ބުޅާ ފަދަތަކެތި އާލާވެ ޢާންމު ރައްޔިތުންނަށް އުނދަގޫވަމުންދާތީކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14727202164730.jpg|މަގުމައްޗަށް އަޅާފައި ހުރި ކުނިތައް ސާފުކުރަނީ

"މިހެން ކުނި އަޅާފަރާތަކަށް މިހާރު މިދަނީ ޖޫރިމަނާކުރަމުން. ޖޫރިމަނާ ސްލިޕް މިހާރު ދޫކުރަމުންދަނީ. އަދި ޖޫރިމަނާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. މިއީ ވަރަށް ދެރަކަމެއް.މިއީ އަދި ވިއްސާރަމޫސުމުގައި މިހެން ކުނި ހުރުމުން ޑެންގީ އާއި މަދިރީގެ ސަބަބުން ފެތުރޭ ބަލި ފެތުރުމަށް މަގުފަހިވެގެންދޭ. މިކަހަލަކަންތައް ނުކުރުމަށް އިލްތިމާސްކުރަން" ނަޢިމް ވިދާޅުވިއެވެ. 

މި ގޮތަށް ކުނި އަޅާފައި ހުންނަށް މަގުތައް އެ ކުނި އަޅާ ބަޔަކު ލައްވާ ސާފުކުރައްވަމުން ގެންދަވާނެކަމަށް ނަޢީމް ވިދާޅުވިއެވެ. މި ސަރަހައްދުންވަނީ ގިނަ އަދަދެއްގެ ގާއު ކުނޑި ގޯނިތަކާއި އެކި ވައްތަރުގެ ކުނި ނަގާފައެވެ.