ޚަބަރު

ވަޒީފާގެ ވާޖިބުގައި އުޅުއްވަނިކޮށް ނިޔާވި އަޒްމީލްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ


  • އޭނާ ނިޔާވީ ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހާދިސާއަކާ ގުޅިގެން ފަރުވާދެމުން ދަނިކޮށް

  • 43 އަހަރުގެ އަޙްމަދު އަޒްމީލް ވަނީ ސްޓެލްކޯއަށް 21 އަހަރު ޚިދުމަތްކުރައްވާފައި

ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހާދިސާއަކާ ގުޅިގެން ފަރުވާދެމުންދަނިކޮށް ސްޓެލްކޯގެ މުވައްޒަފެއް ކަމުގައިވާ އަޙްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑީއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ޙާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފު އަޙްމަދު އަޒްމީލް ނިޔާވި ޚަބަރު އަޑުއެހީ ނުހަނު އަސަރާއި ހިތާމައާ އެކުކަމަށެވެ.

ރައީސް ވަނީ އެ ޢާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވައި، މަރްޙޫމް އަޙްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރައްވާފައެވެ.

މިދިޔަ މަހުގެ 26ވަނަ ދުވަހު ހުޅުމާލޭގެ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ސްޓެލްކޯގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އުމުރުން 43 އަހަރުގެ އަހުމަދު އަޒްމީލް ނިޔާވީ ބެންކޮކް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އޭނާއަށް ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. އަދި އަޒްމީލް ތައިލޭންޑަށް ގެންގޮސް ބެންކޮކް ހޮސްޕިޓަލުގައި ފަރުވާދޭން ފެށީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.