ޚަބަރު

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލެއް


  • ބޮޑު ކަންނެލީގެ މަސްވެރިންގެ އެއް ކަންބޮޑުވުމަކީ ފައިސާ ލިބުން ލަސްވުން

  • ދެމެހެއްޓެނިވި ގޮތެއްގައި މަސް ގަތުމުގެ ނިޒާމެއް ފަހިކުރުމަށް ދަނީ މަސައްކަތްކުރައްވަމުން

ބޭނުންވަނީ ބޮޑު ކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިންގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމަށްފަހު، އެއަށްވާ ފައިސާ ދިނުމުގައި ވަރަށް ބޮޑަށް ލަސްވުން ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަސް ގަނެ، ދެމެހެއްޓެނިވި ގޮތެއްގައި ބޮޑު ކަންނެލީގެ މަސްވެރިންނަށް ފައިސާ ލިބޭކަން ކަށަވަރުކުރުމަކީ އެމަނިކުފާނުގެ ވަޢުދެއް ކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މަސް ގަތުމުގެ ނިޒާމެއް ފަހިކުރުމުގެ ގޮތުން ސަރުކާރުގެ މަސް ޕްރޮސަސިން ފެސިލިޓީތަކެއް އެޅުމުގެ މަސައްކަތް މިހާރު ކުރައްވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

"ކަނޑުއޮށްގިރީގައި ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތްކުރަމުންދަނީ. އަދި ހުޅުމާލޭގައި ފެސިލިޓީއެއް އެޅުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ. ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް ޤާއިމުކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ. 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފެށީ މިއަދާ ހަމައަށް އާދެވުނީ ހުއްޓުމެއް ނެތި." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖުމުލަކޮށް މަސްވެރިންނަށް ދިމާވަމުން އަންނަ ތަފާތު ދަތިތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން މަސްވެރިންނަށް އައިސް ލިބޭނެ ފަހި ގޮތްތަކެއް ފޯރުކޮށްދިނުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައިސް ލިބުމުގައި މިސަރުކާރުން ހޯދައިދޭން ބޭނުންވާ ހައްލަކީ އޮޑިފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ އާރުއެސްޑަބްލިޔު ސިސްޓަމްތައް ހަރުކުރުން ކަމަށެވެ. އެގޮތުން މިހާރު 35 ދޯންޏަކަށް މި ނިޒާމު ޤާއިމުކުރަން ލޯން ދީފައިވާ ކަމަށާއި އިތުރު 200 ދޯންޏަށް މި ލޯން ދޫކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދޭން ކުރައްވާ މަސައްކަތަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ކޮމްވެސް އެއް ރަށެއްގައި ތެޔޮ ސްޓޭޝަނެއް ޤާއިމުކޮށް، މަސްވެރިންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭކަން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ކަށަވަރުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ދިވެހި މަސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހޯދައިދީ، މި ސިނާޢަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދިނުމެވެ. މިހާތަނަށް ވެސް ސަރުކާރުން ވަނީ މަސްވެރިންގެ އެތައް ކަންބޮޑުވުމަކަށް ހައްލު ހޯދައިދީފައެވެ. އެގޮތުން މިދިޔަ ސަރުކާރުން ނުއަގުގައި މަސް ގަނެ، އެއަށްވާ ފައިސާ ނުދީ އެތައް ދުވަހެއް ހިފެހެއްޓި ނަމަވެސް، އެ ފައިސާ މަސްވެރިންނަށްދީ، މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޭން މިހާރު ވަނީ ފަށާފައެވެ.

ހަމައެއާއެކު މަސްވެރިންނަކީ ދައުލަތާއި އިދާރާތަކާއި ބޭންކުތައް ބަލައިގަންނަ ބަޔަކަށްވެ، ޤައުމީ ބޭންކުން އެކި ބޭނުންތަކަށް ލުއި ލޯން ލިބޭނެ އިންތިޒާމުތައް މަސްވެރިންނަށް ހަމަޖެހިފައެވެ.